ދާއޫދާއި އަންބިކަނބަލުންނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ތަކެއް

ދާއޫދާއި އަންބިކަނބަލުންނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ތަކެއް

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ދާއޫދާއި އޭނާގެ އަންހެނުންނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ކޮށްފިއެވެ.

އެ ކޮމިޓީ ކުރި ތަހުގީގު ތަކެއްގެ ރިޕޯޓް އެކުލަވާލައި، އެ ރިޕޯޓްގައިވާ ބައެއް މައުލޫމާތުތައް މެންބަރުންނާ ހިއްސާ ކުރައްވަމުން ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ، ހުޅުމާލެ ފޮލިސް ސްޓޭޝަންގެ އެންމެ އިސްވެރިޔާގެ ގޮތުގައިވެސް ހުންނެވި ދާއޫދާއި އޭނާގެ އަނބިކަނބަލުންގެ އެކައުންޓް ތަކަށް، އާމްދަނީ ލިބުނު ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައި ވާކަން ފާހަގަ ވެފައިވާ ކަމަށެވެ.

"ސޯސް އޮފް އިންކަމް (އާމްދަނީ ލިބުނު ގޮތް) ނޭނގޭ ގޮތަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ދާއޫދުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ފާހަގަ ކުރެވޭ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، ދާއޫދާއި އޭނާގެ އަންހެނުންގެ ބޭންކް އެކައުންޓް އެނަލައިޒް ކުރުމުން މއ. ތަޅަމުދިގޭގެ ކުލި، ދާއޫދާއި އޭނާގެ އަންހެނުންގެ އެކައުންޓަށް ޖަމާވަމުން ދިޔަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ނަަމަވެސް އެ ގޭގެ ވެރިފަރާތަކީ ދާއޫދު ނުވަތަ އޭނާގެ އަންހެނުން ނޫން ކަމާއި އެ ގޭގެ ކުލި އެ ދެ މީހުންނަށް ލިބޭނީ، އެ ގެ ހެދުމަށް އެ ދެ ފަރާތުން އިންވެސްޓްކޮށްފައި ވުމުން ކަމަށްވާތީ އެފަދަ ބޮޑު އިންވެސްޓެއް ކުރުމަށް އޭނާއަށް ފަންޑު ލިބުނު ގޮތް ބަލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުރު ކަންކަން ފާހަވެފައިވާ ކަމަށްވެސް ނާޒިްމ ވިދާޅުވިއެވެ. ނަމަވެސް އެއީ ސިއްރު ރިޕޯޓަކަށް ވާތީ އެ ރިޕޯޓްގައިވާ ކަންކަން ހާމަ ކުރެވެން ނެތްކަމަށްވެސް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާވެސް ނާޒިމް ވަނީ ދާއޫދު ގުޅުވައިފައެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ދާއޫދުގެ އެކައުންޓަށް ފައިސާތަކެއް ޖަމާވެފައިވާކަން ފާހަގަ ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

"މަޖިލީހާ ހިއްސަކޮށްފަ އެބައޮތް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓު، އެ ރިޕޯޓްގައި ބަޔާންކޮށްފަ އެބައޮތް އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްމަކާއި ހިޔާނާތުގެ މައްސަލަަތަކުގައި ބައިވެރިވުމާއި، އެކަމުން މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ 280 މީހެއްގެ ނަން ލިސްޓް، އެ ފަރާތްތަކަކީ ތަހުގީގަށް ލިބިފައިވާ މައުލޫތާތު ތަކަށް ރިއާޔަތްކޮށް ޖިނާއީ ނުވަތަ މަދަނީ ދައުވާ އުފުކުމުގެ ފުރުސަތު އޮތް ފަރާތްތަކެއްކަން އެ ރިޕޯޓްގައި އެބައޮތް ބަޔާންކޮށްފަ، އެ ލިސްޓްގައި ފުލުހުންގެ ހިދުމަތުގައި މިހާރުވެސް ތިބި ދެއޮފިސަރުން ކަމަށްވާ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމް އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ދާއޫދާއި ރިޓަޔާރ ކޮށްފައިވާ ދެ އޮފިސަރުން ކަމަށްވާ އަހްމަދު ޝުހާދު އައި ހަސަން ހަބީބު ހިމެނޭ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، ޕޮލްކޯގެ މައްސަލަ ކޮމިޓީން ބަލަން ފެށުމުން ވިސުލްބްލޯވަރުން ހިއްސާކޮށްފައިވާ މައުލޫމާތުން ވިޔަފާރިވެރިޔާ ހަސަން ތައުފީގާއި ދާއޫދު ބައިވެރިވެން އެ ދެމީހުންގެ އަނބިންގެ ނަމުގައި 10.5 މިލިއަން ރުފިޔާގެ ރިއަލް އެސްޓޭޓް އިންވެސްޓްމެންޓެއްގެ ގޮތުގައި މއ. ތަޅަމުދިގެ 10 ބުރިއަށް އިމާރާތްކޮށް، އެ ތަނުން ނަފާ ހޯދަމުން އައިކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެ އެގްރީމެންޓް ސިވިލް ކޯޓުގައި ރަޖިސްޓަރީ ކޮށްފައި އޮތުމުން، އޭގެ ކޮޕީއެއްވެސް އެ ކޮމިޓީއަށް ލިބިފައިވާތީ، އެކަން އެގޮތަށް ހިނގާފައި އޮތްކަން ޔަގީން ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެފްޑަބްލިއު ކޮންސްޓްރަކްޝަނުން ހަދާފައިވާ ފްލެޓް އިމާރާތަކުން ދާއޫދު އެޕާޓްމެންޓެއް ބައްލަވައިގެންފައިވާކަން އެނގޭ ކަމަށާއި އެއީ 4.1 މިލިއަން ރުފިޔާގެ އެޕާޓްމެންޓެއް ކަމަށްވެސް ބުނެއިވެއެވެ. އެ އެޕާޓްމެންޓަށް 10 އިންސްޓޯލްމެންޓުން ނަގުދު ފައިސާ ދައްކައި ނިންމާފައިވާކަން ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

އެކަން ކޮށްފައި އޮތީ އާއިލާގެ މެންބަރެއްގެ ނަމުގައި ކަމަށާއި، ނަމަވެސް މިހާރު އެ އެޕާޓްމެންޓް ވަނީ ދާއޫދުގެ ދަރިފުޅެއްގެ ނަމަށް ބަދަލުކޮށްފައި ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން 10.5 މިލިއަނާއި 4.1 މިލިއަން ރުފިޔާ އެއްކުރީމަ ޖުމްލަ ފައިސާގެ އަދަދު 14.6 މިލިއަން ރުފިޔާގެ އެސެޓް ކްރިއޭޓު ކޮށްފައި ވާކަން އެނގޭކަމަށާއި، އެ އެ އެސެޓްތަކަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ބެެލެވޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *