ރާއްޖެއިން ކޮރަޕްޝަން ނައްތާލެވޭނީ ވަރުގަދަ "ޒަލްޒަލާއެއް" އައިސްގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަ ދައްކަމުން ޔާމީން ވިދާޅުވީ މި ދުވަސްވަރަކީ ހުރިހާ އެންމެންގެ މާލީ ބަޔާންތައް ހާމަ ކުރުމުގެ އޮއިވަރު އެނބުރޭ ދުވަސްކޮޅެއް ކަމަށާއި އެގޮތުން ހުރިހާ ފަނޑިޔާރުންގެ މާލީ ބަޔާން ތައްވެސް ހާމަ ކުރުމަކީ ވަރަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އޭރުން ފަނޑިޔާރުންގެ ތެރެއަށް އަތް ބާނައިގެން ކަންކަން ކުރި މީހުން ފެންނާނެ ކަމަށާއި ޖުޑިޝަރީ އަކީ ތިން ބާރުގެ ތެރެއިން އެންމެ ވަރުގަދަ ބާރު ކަމަށް ޔާމީން ވިދާޅުވި އެވެ.
އަދި ރައްޔިތުން ގަބޫލުކުރާ ފެންވަރުގެ ޖުޑިޝަރީއެއް ނުލިބޭނަމަ ކިތަންމެ ވަރަކަށް ފޮރިން އިންވެސްޓްމެންޓް ގާނޫނަށް އިސްލާހު ގެނަޔަސް އެކަމެއް ނުހިނގާނެ ކަމަށާއި އެއީ ވާނެކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
ނޫސްވެރިންނާއި މީޑިއާ ތަކުން މާލީ ބަޔާން ހާމަކުރަން ޖެހޭނެ ގޮތް ހެދުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދާދިފަހުން ގޮވާލާފައިވާއިރު ޔާމީން ވަނީ ނޫސްވެރިންނަކީ ދައުލަތުގެ މުސާރަވެރިން ނޫން ކަމަށާއި ރައްޔިތުން ގޮވާލަނީ ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުންގެ މާލީ ބަޔާންތައް ހާމަކުރުމަށް ކަމަށް ވިދާޅުވެފައެވެ. ނޫސްވެރިންނަކީ މާލީ ބަޔާން ހުށަނާޅާ މީހުންގެ ވާހަކަ ދައްކަން ތިބޭ މީހުން ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދިވެސް މާލީ ބަޔާން ހުށަނާޅުއްވާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މާލީ ބަޔާން ހުށަހެޅުމުން އެކަން ބަލަންޖެހޭ އުސޫލެއް ނޯންނަ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވާ ކަމަށާއި އެހެން ކަމުން އެއީ ކީއްކުރަން ހުށަހަޅާ މާލީ ބަޔާނެއްތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.
"ވާގޮތަކީ މިހެން ތިބޭ މީހުންނަށް ކާންދީ ބޮޑުކުރަން ބޭނުންވަނީ ހަމަ އެއް ބަޔަކު. އެއީ ދިވެހިރާއްޖޭގައި މިހާރު ދެން ވަރަށް ވަރުގަދަ ޒަލްޒަލާއެއް އައިސްގެން ނޫނީއްޔާ މިއުޅޭ ކޮރަޕްޝަނެއް ނައްތައެއް ނުލެވޭނެ،" ޔާމީން ވިދާޅުވި އެވެ.