ރާއްޖެއަށް ވަގަށް އެތެރެކުރި 12 މިލިއަން ސިނގިރޭޓް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށް، އެ ސިނގިރޭޓްތައް ވަގަށް ނަގާފައިވާއިރު، އެ މައްސަލަ ފެންމަތިވީތާ ހަ މަސް ދުވަސް ވެގެންދިޔައިރުވެސް، އެކަމަށް ފިޔަވަޅެއް އަޅާފައި ނުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "ލަފާފުޅާއި އިރުޝާދު" ލިބެންދެން މަޑުކޮށްލައިގެން ތިބުމުންތޯ، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ސުވާލު އުފައްދަވައިފިއެވެ.
ވަގަށް އެތެރެކޮށް، ވަގަށް ނަގާފައިވާ 12 މިލިއަން ސިނގިރޭޓަކީ ދެ ކޮންޓޭނަރުގައި އެތެރެކޮށްފައިވާ ސިނގިރޭޓެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސިނގިރޭޓް ކޮންޓޭނަރުތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނގޮސް ބަހައްޓާފައި ހުރީ ހުޅުމާލޭގައި ހުންނަ އެމްޕީއެލް ޕޯޓުގައެވެ. ކޮންޓޭނަރު ތަކުގައި ހުރި ސިނގިރޭޓް ވަގަށް ގެންގޮސްފައި ވަނީ އެތަނުގައި ހުއްޓައެވެ.
މި މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އިމްރާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 12 މިލިއަން ސިނގިރޭޓު، 2 ކޮންޓެއިނަރުގައި ވަގަށް އެތެރެ ކުރަން އުޅުމުން ތަންފީޒީ އިދާރާ ތަކުން ގުޅިގެން ކުރި މަސައްކަތުން އެތަކެތި ހިފެހެއްޓުނު ކަމަށާއި، އެކަމުގައި ގާނޫނު ތަންފީޒު ކުރަން ތިބި އޮފިސަރުންގެ މަސައްކަތް ވަރަށް ރަނގަޅު ކަމަށެވެ.
އޮފިސަރުން ރަނގަޅަށް އަމަލުކުރި ނަމަވެސް، ސަރުކާރުން އެކަމުގައި ދެން އަމަލުކުރީ ކިހިނެއްތޯ އިމްރާން ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ވިދާޅުވީ، ސަރުކާރުން ދެން ކަންތައް ކުރިގޮތަކީ އުސޫލުތަކާއި ޚިލާފަށް، މިކަން ކުރިބަޔަކު ސިއްރުކޮށް ވަންހަނާ ކުރީ ކަމަށެވެ.
"ދެން އަޑުއިވުނީ ރެސްޓްރިކްޓެޑް އޭރިއާގައި ހިފަހައްޓާފައި ހުރި ސީލްޑް 2 ކޮންޓެއިނަރުގެ އެތެރޭގައި ހުރި 12 މިލިޔަން ސިނގިރޭޓު ގެއްލުނު ވާހަކަ." އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވި ގޮތުގައި މިހިސާބުން ދެން އުފެދޭ ސުވާލަކީ،- ތުހުމަތުކުރެވޭ ފަރާތް ސިއްރު ކުރީ ކީއްވެތޯއެވެ. އަދި އެ ހިސާބުގައި ރައްކާ ކުރެވިފައިވާ ސިނގިރޭޓްތަކެއް ވަގަށް ގެންދެވުނީ ކިހާ ހިސާބަކުން ރާވައިގެންތޯއެވެ. އަދި އެކަން ދިޔައީ ކޮން ލެވެލްއެއްގައި ތިބި ފަރާތްތަކެއްގެ އެހީތެރިކަން ލިބިގެންތޯ އުފެދޭ ސުވާލު ކަމަށެވެ.
"މިވަރަށް ދޯހަޅިވީމާ މި ސަރުކާރަށް ރައްޔިތުންގެ މުދަލާއި މާލިއްޔަތު ރައްކާތެރިކޮށް ބެލެހެއްޓިދާނެ ކަމަށް ގަބޫލު ކުރަންވީތަ؟ މިކަން ހިނގާފައި އޮތްގޮތުން ދައުލަތުގެ އެންމެ މަތީފަންތީގެ ބައިވެރިވުން އޮތްކަމަށް ތުހުމަތުކުރެވޭ! ނޫންނަމަ މިއަދާހަމަޔަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ "ލަފާފުޅާއި އިރުޝާދުގެ ދަށުން" ކޮންމެވެސް ކަމެއް ކުރެއްވީސްތާ." އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވި ގޮތުގައި މި ހިސާބުން ދެން އުފެދޭ ސުވާލަކީ، ސިނގިރޭޓް ރެސްޓްރިކްޓްކުރާ ޕޮލިސީގެ ބޭނުމަކީ އާންމު ސިއްހަތު ރައްކާތެރިކުރުންތޯ، ނުވަތަ ސިނގިރޭޓުގެ އަގު އިންފްލޭޓްކޮށްގެން މިފަދަ ޖަރީމާތަކުގެ ތެރެއިން ދައުލަތުގެ ވެރިންގެ ޖީބަށް ބަރު ކުރުންތޯއެވެ.
އިމްރާން ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭނާވެސް ދެކޮޅު ހައްދަވާ ކަމެއް ކަމަށެވެ. އަދި އެކަމުން އާންމު ސިއްހަތަށްކުރާ ނޭދެވޭ އަސަރު ހުއްޓުވޭނީ ވަށާޖެހޭ ސިޔާސަތެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެޅި ފިޔަވަޅުތަކުން އެއްވެސް ނަތީޖާއެއް ނުނިކުންނަކަން ފާހަގަ ކުރެއްވިއެވެ.
"ސަރުކާރުން އެޅި ފިޔަވަޅު ތަކުން އަންރެގިއުލޭޓެޑް ޓޮބޭކޯ މާކެޓުގައި ފްލަޑްވެއްޖެ. ރިސްކްރިޑަކްޝަން މެޝާރ އެއް ނެތް. މި ދެކޮޅުނުޖެހޭ ސިޔާސަތުން އާންމު ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ދުރުނޫން މުސްތަގުބަލެއްގައި ފެނުން ގާތް. އެޑިކްޓިވް ސަބްސްޓެންސެއްގެ އަގު އިންތިހާއަށް އިންފްލޭޓް ކޮށްފި. އަނެއްކޮޅުން ދައުލަތަށް ލިބޭ އާމްދަނީވެސް ދަށްވެއްޖެ." އިމްރާން ވިދާޅުވިއެވެ.