އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ ވިޔަފާރިތައް ސަރުކާރުން ކުރަން ފެށުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށާއި، އެކަމުން ލިބޭނެ ގެއްލުންތައް ވަރަށް ބޮޑުވާނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ، މުހައްމަދު ފިރާގު (އިނަރމޯލްޑިވްސް ފިރާގު) ވިދާޅުވެއްޖެއެވެ.
އެސްއެސް ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފިރާގު ވިދާޅުވީ، ތަކެތީގެ އަގު އުފުލޭ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ ވިޔަފާރި ތަކަށް ސަރުކާރުން ވަދެގެން އެ މައްސަލަތަކަށް ހައްލެއް ނާންނާނެ ކަމަށެވެ.
ފިރާގު މިފަދައިން ވިދާޅުވިއިރު، ރާއްޖޭގައި ބަޔެއް އަމިއްލަ މީހުން ކުރަމުން އަންނަ ވިޔަފާރި ތަކަށް ސަރުކާރުން ވަންނަމުންދާތީ ފެނެއެވެ. އެގޮތުން އައިނުގެ ވިޔަފާރި އާއި ބަޔެއް ކަހަލަ ކާބޯތަކެތީގެ ވިޔަފާރި އާއި އެނޫންވެސް ބަޔެއް ވިޔަފާރިތައް ފެނެއެވެ.
އެސްއެސް ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފިރާގު ވިދާޅުވީ، ތަކެތީގެ އަގު އުފުލޭ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ ވިޔަފާރި ތަކަށް ސަރުކާރުން ވަދެގެން އެ މައްސަލަތަކަށް ހައްލެއް ނާންނާނެ ކަމަށެވެ.
"ދުވަހަކުވެސް ނުވާނެ ހައްލެއް. ސަރުކާރުން ވިޔަފާރި ތެރެއަށް ވެންނެވި ވަރަކަށް މީގެ އުދަނގޫ ބޮޑުވަމުންދާނެ. ބޭސިކް ޒަރޫރީ އެއްޗެހި ސަރުކާރުން ގެންނަންވީ. މިސާލަކަށް ބޭސް، ކާޑުގެ ބާވަތްތައް، ތެޔޮ. އެހެން ނަމަވެސް އަމިއްލަ ވިޔަފާރިތައް ހުއްޓުމަކަށް އައުމުން އޭގެން ލިބޭ ގެއްލުން މާބޮޑުވާނެ. ސަރުކާރުން ވަގުތީ ގޮތުން އެއްޗެއް ގެނައުން އެއީ މުޅިން އެހެން ކަމެއް. އެހެންނަމަވެސް މިދެންނެވިހެން ސަރުކާރުން އެފަދަ ވިޔަފާރިތައް ކުރަން ފެށުމަކީ އިތުރު ވިޔަފާރިތަކެއް ހުއްޓި، ބަނގުރޫޓުވެ، އިގްތިސޯދުގެ ތެރޭގައި ހިނގާ އެތައް ބައިވަރު ފައިސާއެއް ހުއްޓި، އެތައް ބައިވަރު ވަޒީފާއެއް ގެއްލިގެންދާނެ ކަމެއް." ފިރާގު ވިދާޅުވިއެވެ.
ފިރާގު ވިދާޅުވީ، ދާދިފަހުން ރާއްޖޭގައި އާފަލާއި އޮރެންޖް ފަދަ ތަކެތީގެ އަގު އިންތިހާއަށް އުފުލުމުން ސަރުކާރު ހިއްސާވާ ކުންފުނެއް ކަމަށްވާ އެސްޓީއޯއިން އެތަކެތި ގެނެސްގެން ވިއްކުމުންވެސް ހަގީގަތުގައި ގެއްލުންވާވަރު ބޮޑުވާނެ ކަމަށެވެ.
"ގެއްލުން ބޮޑުވާނެ ތިން ގޮތެއް އޮވޭ. އެއްގޮތަކީ އޭގެ ހަލާކުވާބައި. އަނެއްކޮޅުން އޭގެތެރެއަށް ވަންނާނެ ނޭދެވޭ އެޑްވާންޓޭޖްތައް. މާކެޓުން ވަކިބަޔަކަށް އޭގެ ކޮންޓްރޯލް ދިއުން." ފިރާގު ވިދާޅުވިއެވެ.
ފިރާގު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ މުވައްޒަފުން ތަކެއް ލައިގެން އާންމުދަނީއެއް ހޯދައި، އާއިލާތަކެއް ބަލަހައްޓަން ކުރާ ވިޔަފާރިއެއް ކަމަށެވެ. އެހެންނަމަވެސް އެ ވިޔަފާރިތައް ހުއްޓުމުން، އެ އާއިލާތަކަށް މާލީގޮތުން ކުރިމަތިވާނެ ވަރަށް ބައިވައިވަރު ދަތިތަކެއް ހުންނާނެ ކަމަށެވެ.
"އަޅުގަނޑަކަށް ހިއެއްނުވޭ ސަރުކާރުގައި ހުރިހެނެއް އެ އެންމެންނަށް ވަޒީފާ ދިނުމުގެ ކެޕޭސިޓީއެއް. ސަރުކާރުގެ ވަޒީފާ ދިނުން އެހުރީ ފާލުން ނެއްޓިފައި. އޭގެސަބަބުންވެސް އެތައް ބައިވަރު މައްސަލަތައް ދިމާވަމުން އެދަނީ." ފިރާގު ވިދާޅުވިއެވެ.