އެމްޑީޕީގެ މުޒާހަރާ ގާނޫނާ ޚިލާފު، ފިޔަވަޅު އަޅަން ގޮވާލަން: ޕީއެންސީ

އެމްޑީޕީގެ މުޒާހަރާ ގާނޫނާ ޚިލާފު، ފިޔަވަޅު އަޅަން ގޮވާލަން: ޕީއެންސީ

"ލޫޓުވައިފި ލޫޓުވައިފި" ގެ ނަމުގައި އިދިކޮޅު އެމްޑީޕީން ރޭ ކުރި މުޒާހަރާއަކީ ގާނޫނާ ޚިލާފަށް ހިންގި ކަންތައްތަކެއް ކަމަށް ވެރިކަން ހިންގާ ޕީއެންސީން ބުނެފިއެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާ ކުރުމުގެ ނަމުގައި އެމްޑީޕީން ހިންގާފައިވަނީ ގާނޫނާއި ހިލާފު، ހަމަނުޖެހުން އުފެއްދުމުގެ އަމަލުތަކެއް ކަމަށެވެ.

ޕީއެންސީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެމްޑީޕީން މާލޭގައި މުޒާހަރާ ބާއްވާފައިވަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، އެއްބަސްވެވުނު ގޮތާ ޚިލާފަށެވެ.

މުޒާހަރާގެ ތެރޭގައި ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ގަލާއި ފުޅި އުކައި، ފުލުހުންގެ ޝީލްޑްތައް ފޭރިގަތުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ރަށްރަށުން މުޒާހަރާއަށް ގެނެސްފައިވާ ފަރާތްތަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްނުދީ، މާލޭގެ މަގުމަތީގައި ހާލުގައި ޖެހުމަށް ދޫކޮށްލާފައިވާކަން ފާހަގަކޮށް، މިއީ އެމްޑީޕީން ތަމްސީލުކުރާ ރައްޔިތުންނާމެދު އަމަލުކުރި ޒިންމާދާރުކަން ކުޑަ ގޮތެއްކަމަށް ޕީއެންސީން ބުނެފައިވެއެވެ.

އެއްވެ އުޅުމުގެ ގާނޫނާ އެއްގޮތަށް ހިޔާލުފާޅު ކުރުމަށް ސަރުކާރުން އަބަދުވެސް ފުރުސަތު ފަހިކޮށްދޭނެ ކަަމަށާއި، ނަމަވެސް ތަންތަނަށް ގެއްލުންދީ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދިނުމުގެ ފުރުސަތެއް ނޫންކަމަށްވެސް ބަޔާނުގައިވއެވެ.

ޕީއެންސީން ބުނީ ހަގީގީ ސިޔާސީ މަސައްކަތްތަކަކީ މަގުމަތިން ހަމަޖެހުން ނަގާލުން ނޫން ކަމަށާއި، ބަހުސްކޮށް، ކަމާގުޅޭ އިދާރާތަކަށް ހުށަހެޅުމާއެކު ވޯޓުން ސިޔާސީ ބަދަލު ގެނައުން ކަމަށެވެ. އަދި މުޒާހަރާގައި ފުލުހުން ދައްކުވައިދިން ޕްރޮފެޝަނަލިޒަމްއަށް ޝުކުރު އަދާކޮށް، ތަންފީޒީ އިދާރާ ތަކަށް ދެވޭ ހަމަލާއަކީ ރައްޔިތުންނަށް ދެވޭ ހަމަލާއެއްކަން ފާހަގަ ކޮށްފައިވެއެވެ.

މީގެއިތުރުން ޕީއެންސީން ވަނީ އެކަން ކުރި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަން ގޮވާލައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *