އެމްޑީޕީން އިސްނަގައިގެން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ އޮތް ސަރަހަށަށް ވަޑައިގެން "ދުރުދުރުން" ބަލާލި ކަމަށާއި މުޒާހަރާއަށް 15 ހާހެއްހާ މީހުން ޖަމާވެފައިވާ ކަމަށް ބެލެވޭ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ރޭ އޮތް މުޒާހަރާ "ދުރުދުރުން" ބެއްލެވުމަށްފަހު ސޯޝަލް މީޑިއާގައި އައްބާސް ވިދާޅުވީ، މުޒާހަރާގައި "އިންސާނުންވާ އެބައޮތް" ކަމަށެވެ. އަދި "މި ފެނިގެން ދަނީ ކުޑަ މިންވަރެއް" ކަމަށްވެސް އައްބާސް ވިދާޅުވިއެވެ. އަދި ރޭ މުޒާހަރާއަށް ގޮސްތިބި މީހުންނަކީ ވަޒީފާގެ ބިރަށް މަޖުބޫރީ ޙާލަތުގައި ގޮސްތިބި މީހުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
" އޭޑީކޭ ހޮސްޕިޓަލް ކައިރިން ފެށިގެން އާޓިފިސިއަލް ބީޗްއާ ހަމައަށް ފުރި ބާރުވެފައި. މަގުތަށް ބަންދުކޮށްފައި އޮތުމުން އެކިއެކި މަގުތަކުގައި އެތަނަށް މީހުންނަށް ނުދެވިފައި. އާޓިފިސިއަލް ބީޗްއަށް ދެވެން ހުރި ހުރިހާ މަގުތަކެށް ބަންދުކޮށްފައި އޮތް އިރުވެސް ހަމަ ގައިމުވެސް ދިހަ ހާސް ނުވަތަ ފަނަރަ ހާސް މީހުން ތިބޭނެ އެތަނުގައި." އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ، ރޭ އޮތް މުޒާހަރާގެ ކުރިން، ވެރިކަން ވައްޓާލަން އުޅޭކަމަށް ބުނެ ރައްޔިތުންގެ ހިތުގައި ބަޔަކު ނަފްރަތު އުފެއްދި ކަަމަށެވެ. އަދި މާލެތެރެ ހަލަބޮލިކޮށް، ލޫޓުވައި، ހުޅުޖަހަން އުޅޭ ކަމަށް ބުނެ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދި ކަމަށެވެ. ނަމަވެސް މުޒާހަރާ އޮތް މުޅި ސަރަހައްދު ފުރިބާރު ވުމުން، އެ ތަނަށް މީހަކު ނުދާ ކަމަށް ބުނެވެސް ބަޔަކު ސޯޝަލް މީޑިއާގައި ލިޔަމުންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.