ވެރިކަންކުރާ ޕާޓީ، ޕީއެންސީ އިން ރޭގައި އެއްވާތީ އެކަމާބެހޭ ގޮތުން ބިރުވެރިކަން އުފައްދައި ފުލުހުންގެ އިދާރާއިން ބަޔާނެއް ނުރެނޭ ކަމަށް އެމްޑީީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންސީ އިން ބޭއްވި ހަރުގެ ޖަލްސާއަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ، ކޮންމެ ޕާޓީއަކަށްވެސް ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުޞަތު ޤާނޫނުއަސާސީން ލިބިދީފައި އެބައޮތް ކަމަށެވެ. އެގޮތުން އެމްޑީީޕީ އިން މާދަމާ ބައްވާ ސިޔާސީ އެއްވުމުގެ ފުރުޞަތުވެސް އޮންނަންޖެހޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.
"ވެރިކަންކުރާ ޕާޓީ އެއްވާތީ ތަންތާ ހުޅުޖަހައި ގޭންގް ކުއްތަށް ކުރާނެ ވާހަކަ ކުރިން އިއުލާނުކޮށް ބިރުވެރިކަމެއް ފުލުހުން ނުއުފައްދައެވެ. ފުލުހުން ބަޔާނެއްވެސް ނުނެރެއެވެ." މޫސަ ވިދާޅުވިއެވެ.
މޫސަ މިފަދައިން ވިދާޅުވިއިރު، ފުލުހުން އިއްޔެ ބުނީ މާދަމާ އެމްޑީޕީ އިން ބާއްވާ ސިޔާސީ އެއްވުމުގައި ގޭންގްތައް ނެރެގެން މާލެތެރެ ހަލަބޮލި ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ފުރުޞަތު ފުލުހުން ނުދޭނެ ކަމަށެވެ.
ފުލުހުންގެ ވާހަކަތައް ދޮގުކޮށް އެމްޑީޕީންވެސް އިއްޔެ ވަނީ ވާހަކަ ދައްކާފައެވެ. އެމްޑީޕީން ބުނީ ފުލުހުންގެ ތުހުމަތު ތަކަކީ ކަނޑައެޅިގެން ދޮގު ކަމަށާއި، އެފަދަ އެއްވެސް ކަމެއް އެ ޕާޓީން ކުރަން ރާވާފައި ނުވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ގޭންގްތަކަށް ފައިސާ ދީގެން އެމްޑީޕީގެ މުޒާހާރާ ހުއްޓުވުމަށް އުޅޭ ކަމުގެ މައުލޫމާތު އެ ޕާޓީއަށް ލިބިފައިވާ ކަމަށްވެސް ބުންޏެވެ. އަދި ސަރުކާރުން ނެރޭ ގޭންގްތައް ހުއްޓުވަން ފުލުހުންނަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.