ސިޔާސީ ޕާޓީތަކާއެކު ގުޅިގެން މަސައްކަތް ކުރަން އަދާލަތުގެ މަޝްވަރާ މަޖިލީހުން ނިންމައިފި

ސިޔާސީ ޕާޓީތަކާއެކު ގުޅިގެން މަސައްކަތް ކުރަން އަދާލަތުގެ މަޝްވަރާ މަޖިލީހުން ނިންމައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހަމަމަގަށް އަޅުވައި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށް، ޕާޓީތަކާއެކު ގުޅިގެން މަސައްކަތް ކުރަން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައިފިއެވެ.

އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރައީސް މުއިއްޒުގެ ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތުގައި ސިޔާސީ ޕާޓީތަކާއެކު ގުޅިގެން މަސައްކަތް ކުރަން ނިންމީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ކަމަށެވެ. އެކަމަށް މަޝްވަރާ މަޖިލީހުން ވަނީ އިޤުރާރުވެފައެވެ.

އަދާލަތުގެ ނޫސްބަޔާނުގައި ބުނީ، ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަމުންދާ ގޮތުން ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ. އެގޮތުން މިނިވަން ދިމިޤްރާތީ ދައުލަތެއްގައި އެއްވެސްއިރަކު ރައްޔިތުންގެ އަތުން ނިގުޅައިނުގަނެވޭނެ އަދި އަބަދުވެސް ރައްޔިތުންގެ އަތުގައި އޮންނަންޖެހޭ، މިނިވަން މީޑިއާއަށް ހަރަކާތްތެރިވާން ހުރި ހުރިހާ ދޮރެއް މި ސަރުކާރުން ބަންދު ކޮށްފައިވާ ކަމަށެވެ. އެ ޕާޓީން ބުނީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށެވެ.

އަދާލަތު ޕާޓީން ބުނީ، ގާނޫނޫއަސާސީ ބަދަލުކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ކަސްތޮޅު އަޅުވާފައިވާ ކަމަށާއި،  އެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ވެއްދުމާއެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް ގާނޫނީ އިޖުރާއަތްތަކާ ޚިލާފަށް ވަކިކޮށްފައިވާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ ބާރުވެސް ކަނޑުވާލައި، މުޅި ނިޒާމު މި ސަރުކާރުން ވަނީ ގަޑުބަޑު ކޮށްފައި ކަމަށެވެ.

އަދާލަތު ޕާޓީން އިތުރަށް ބުނި ގޮތުގައި ރައީސް މައުމޫނުގެ ސަރުކާރުގެ ދުވަސްވަރު ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުންނާއި ރައީސް ސޯލިހުގެ ވެރިކަމުގެ ދުވަސްވަރު ކުރިމަތިވި ކޮވިޑްގެ އާލަމީ ވަބާގައިވެސް ދިވެހި އިގްތިސޯދު ދަށަށް ނުދާވަރަށް ދަށަށްގޮސް، އެ ދުވަސްވަރަށްވުރެވެސް ދިވެހިންގެ މާލީ ފުދުންތެރިކަން ދަށަށްގޮސް އިގްތިސޯދީ ގޮތުން ގައުމު ވަނީ ދަށަށް ގޮސްފައެވެ. ބާޒާރުގައި މުދަލުގެ އަގުތައް އިންތިހާއަށް އުފުލި، ގަސްތުގައި މެދުފަންތީގެ ވިޔަފާރިތައް ސަރުކާރުން ފުނޑާލަމުންދާ ކަމުގެ ތުހުމަތުވެސް އެ ޕާޓީން ވަނީ ކޮށްފައެވެ.

ގިނަ ސަބަބުތަކެއް ބަޔާންކޮށް، ޕާޓީތައް ގުޅިގެން މި ސަރުކާރު ޖަވާބުދާރީ ކުރުވަން އެކުގައި މަސައްކަތް ކުރަން އެ ޕާޓީން ނިންމިއިރު، އަދާލަތުގެ ރައީސް ޝައިޚް އިމްރާން އަބްދުﷲވެސް ދާދިފަހުން ވަނީ ޕާޓީތަކާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *