އަތޮޅު ތެރެއަށް ޓޫރިޒަމް ފުޅާކޮށް، ހަލާލު ޓޫރިޒަމް ކުރިއަރުވަން މަސައްކަތް ކުރެވިފައިވޭ: ރައީސް

އަތޮޅު ތެރެއަށް ޓޫރިޒަމް ފުޅާކޮށް، ހަލާލު ޓޫރިޒަމް ކުރިއަރުވަން މަސައްކަތް ކުރެވިފައިވޭ: ރައީސް

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެފައިނުވާ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކޮށް، ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް، ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި މަސައްކަތްތަކެއް ކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ރާއްޖޭގައި ދެމެހެއްޓެނިވި، ބިނާކުރަނިވި އަދި ރައްޔިތުންގެ ޝާމިލުވުން އޮންނަ ފަތުރުވެރިކަމެއް ތަރައްޤީކޮށް، ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް  ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ރައީސްގެ މެސެޖުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި، ދިވެހިންގެ މެހެމާންދާރީގެ އަސާސްތަކަކީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލައިގެންފައިވާ އަސާސްތަކެއްކަން ފާހަގަކުރައްވައި، އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަދި ކޮންމެ މުޖުތަމަޢަކަށް މި ސިނާއަތުގެ ތެރެއިން ފުރުޞަތުތައް ފަހިކޮށްދެއްވައި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުކޮށައިދިނުންކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރަކީ "ޓޫރިޒަމް އެންޑް ސަސްޓެއިނަބަލް ޓްރާންސްފޯމޭޝަން" ކަން ފާހަގަކުރައްވައި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ރަށްރަށުގެ ޤުދުރަތީ ރީތިކަމާއި، ހިތްގައިމުކަމާއި، ތަފާތުކަން ދައްކުވައިދޭ ފަތުރުވެރިކަމުގެ މޮޑެލެއް ބިނާކުރެއްވުމަކީ އެމަނިކުފާނުގެ އަމާޒެއްކަމުގައި ވިދާޅުވިއެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިމަގަށް، މުހިންމުކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ތަރައްޤީކުރެވިފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު އިންޓަނޭޝަނަލް ޓާމިނަލް ފަދަ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތައް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މި ފުރުޞަތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ޝުކުރުއަދާކުރައްވައި އެބޭފުޅުންގެ ޚިދުމަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ މުސްތަޤްބަލުގެ ތަޞައްވުރު ބިނާވެފައިވަނީ މިދާއިރާގައި ބުރަކޮށް މަސައްކަތްކުރައްވާ ފަރާތްތަކުގެ އަގުހުރި ޚިދުމަތްތަކުގެ މައްޗަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖް ނިންމަވާލައްވާފައިވަނީ ރާއްޖޭގައި ދެމެހެއްޓެނިވި، ބިނާކުރަނިވި އަދި ރައްޔިތުންގެ ޝާމިލުވުން އޮންނަ ފަތުރުވެރިކަމެއް ތަރައްޤީކޮށް ބިނާކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *