މީޑިއާ ކޮމިޝަނަށް މެމްބަރުން އިންތިޚާބުކުރާ ގަވައިދު އާންމު ކޮށްފި

މީޑިއާ ކޮމިޝަނަށް މެމްބަރުން އިންތިޚާބުކުރާ ގަވައިދު އާންމު ކޮށްފި

ކުރިން އޮތް މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އުވާލައި، އަލަށް ހެދި ގާނޫނުގެ ދަށުން އުފައްދާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ މެންބަރުން އިންތިޚާބު ކުރުމާބެހޭ ގަވާއިދު، އިލެކްޝަންސް ކޮމިޝަން (އީސީ) އާންމުކޮށް ގެޒެޓް ކޮށްފިއެވެ.

ގަވައިދުގެ ދަށުން މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބޭނީ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގައިވާ ގޮތުގެ މަތީން ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ބްރޯޑްކާސްޓަރުންނާއި މީޑިއާ ތަކަށެވެ. އެގޮތުން އެއިން ކޮންމެ މީޑިއާ އަކާއި ކޮންމެ ބްރޯޑްކާސްޓަރަކަށްވެސް ލެވޭނީ ގިނަ ވެގެން 1 ވޯޓެވެ. އަދި އެއިން ކޮންމެ މީޑިއާ އަކަށް އަދި ބްރޯޑްކާސްޓަރަކަށްވެސް ކޮމިޝަނުން ލިބޭނީ އެންމެ ޖާގައެކެވެ.

މި ކޮމިޝަނަށް މީޑިއާ ތަކުން އިންތިޚާބު ކުރަން ޖެހޭނީ ހަތަރު މެމްބަރުންނެވެ. އެއީ މީޑިއާ ތަކުން ހޮވާ ދެ މެމްބަރަކާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ހޮވާ ދެ މެމްބަރުންނެވެ. ޖުމްލަ 7 މެމްބަރުން ހިމެނޭ ކޮމިޝަނުގެ ބާކީ އޮތް ތިން ޖާގައަށް މެމްބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުން ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ދޭން ނިންމާފައި ވަނީ 10 ދުވަހުގެ މުއްދަތެވެ. އަދި ކުރިމަތިލާ ފަރާތްތަކުގެ ހުށަހެޅުން ކޮމިޝަނުން ގަބޫލުކުރާކަން ނުވަތަ ނުކުރާކަން ހުށަހަޅާތާ 48 ގަޑިއިރުގެ ތެރޭގައި އެ ފަރާތަކަށް އަންގާނެ ކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *