މި ސަރުކާރު މިހާރު ވަނީ ހަމަމަގުން ކައްސާލާފައި ކަމަށާއި، ހުރިހާ ސިޔާސީ ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރުން މިވަގުތު މުހިންމު ކަމަށާއި، އެކަމަށް އަދާލަތު ޕާޓީ އޮތީ ތައްޔާރަށް ކަމަށް އެ ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން މިއަދު އެކްސްގައި ވިދާޅުވީ، ކޮންމެ ޕާޓީއަކާއެކުވެސް އަދާލަތު ޕާޓީއަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް އާއި އެމްޑީީގެ އިތުރުންވެސް ދެންހުރި ހުރިހާ ސިޔާސީ ޕާޓީއަކާވެސް އެ ޕާޓީއަށް މަސައްކަތް ކުރެވޭނެއެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވަން އެއް ޕްލެޓްފޯމަކަށް އައުމުގެ މާނައަކީ ހުރިހާ ޕާޓީއެއްގެ ފަލްސަފާ އާއި ގަބޫލު ކުރާ ހަމަތައް އެކައްޗަކަށްވުން ނޫންކަން އަޅުގަނޑުމެންވެސް ޤަބޫލޫ ކުރަން. ކޮންމެ ސަރުކާރެއް އޮތަސް އިދިކޮޅުގައި ތިބޭ ޕާޓީތައް ސަރުކާރު ޓްރެކުން ކައްސާލާ ކަމަށްވާ ނަމަ އެވާހަކަ ދައްކަން ޖެހޭނެ،" އިމްރާން ވިދާޅުވިއެވެ.
ޕީއެންއެފްގެ ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ އެހެން ސިޔާސީ ޕާޓީ ތަކުން އެކުގައި މަސައްކަތް ކުރުމަށް ދައުވަތު ދެއްވާ ކަމަށް ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން އިމްރާން މިއަދު ވިދާޅުވީ، ޔާމީން އެ ވިދާޅުވީ ރަނގަޅު ވާހަކަފުޅެއް ކަމަށެވެ.
"ރައީސް ޔާމީން ވިދާޅުވި ފަދައިން އެއީ ޕާޓީ ތަކުގެ ޒިންމާއަކީ. ސިޔާސީ ޕާޓީ އުފައްދާފައި އެޕާޓީ ތަކަށް މަތިކޮށްފައި އޮތް ޒިންމާއެއް އެބައޮތް." އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް މަތިކޮށްފައިވާ ޒިންމާ ފުރިހަމައަށް އަދާކުރުމަށް، އަދާލަތު ޕާޓީން އެހެން ޕާޓީތަކާއިއެކު މަސައްކަތް ކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރާ ދެކޮޅަށް އެމްޑީީޕީ އާއި ޕީއެންއެފް އަދި އަދާލަތު ޕާޓީން ވަރަށް ބޮޑަށް ކިޔަމުންދާއިރު، އެމްޑީީގެ ބަޔެއް ލީޑަރުންވެސް ދާދިފަހުން ވިދާޅުވެފައި ވަނީ ރައީސް މުއިއްޒު މުޅި ގައުމު "ލޫޓުވައިފި" ކަމަށާއި، ސިޔާސީ ގޮތުން ކުލައަކަށް ބެލުމެއް ނެތި އެންމެން އެކުގައި ރައީސް މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ނުކުންނަންޖެހޭ ކަމަށެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު، އަޙްމަދު ޝިޔާމްގެ އެމްޑީއޭވެސް މިހާރު އޮތީ ސަރުކާރާ އިދިކޮޅުގައެވެ. ސަރުކާރު ކޯލިޝަނުގައި އެމްޑީއޭ މިހާރު ނެތްކަން އެންމެ ފުރަތަމަ އިއުލާނު ކުރެއްވީވެސް ރައީސް މުއިއްޒެވެ.