މި ފަހުގެ ތާރީޚެއްގައި ދިވެހި ގައުމަށް އެންމެ ބޮޑު ގެއްލުމެއް ދިން ބޭފުޅަކީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމުގައި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް މުއިއްޒު ވާހަކަ ދައްކަވާފައިވާ ވީޑިޔޯ ކޮޅެއް ޙިއްސާ ކުރައްވައި އެކްސްގައި އިމްރާން ވިދާޅުވީ ވެރިކަން ހޯއްދަވަންވެސް ހެއްދެވީ ހުސް ދޮގު ކަމަށެވެ.
"ވެރިކަން ހޯދަން ހެދިހާ ދޮގު. ފަހުގެ ތާރީޚުގައި ދިވެހި ގައުމަށް މިވަރުގެ ގެއްލުމެއްދިން މީހަކު ނުހުންނާނޭވެސް ބުނެވިދާނެ" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައީސް ތަސްދީގު ކުރެއްވި މީޑިއާ ބިލާއި ގުޅިގެންވެސް ރައީސް މުއިޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެ ބިލު ތަސްދީގު ކުރެއްވި ކުރެއްވުން އިމްރާން ސިފަ ކުރައްވާފައި ވަނީ ރައީސް މުއިއްޒުގެ ވެރިކަން ނިމުމުގެ ދޮރު އަމިއްލަފުޅަށް ހުޅުވައިދިނުމުގެ ގޮތުގައެވެ.
އިމްރާން ވިދާޅުވީ، މީޑިއާ ބިލު ތަސްދީގު ކުރުމާއެކު ރައީސް މުއިއްޒުގެ "ޖައްބާރު ކަމުގެ ކުރިމަތީގައި" ސާބިތުކަން ދައްކަންޖެހޭ ވަގުތު މިހާރު މިއޮތީ އައިސްފައެވެ.
"އެންމެހާ ލޮބުވެތި ނޫސްވެރިން! މިނިވަން ކަމަށް ލޯބިކުރާ ލޮބުވެތި ރައްޔިތުން! ރައީސް މުއިއްޒުގެ ޖައްބާރު ކަމުގެ ކުރިމަތީގައި ސާބިތުކަން ދައްކަން ޖެހޭވަގުތު މިއޮތީ ޖެހިގައި. ކުޑަކޮށްވެސް ދުލެއް ނުދީ ރައީސް މުއިއްޒުގެ ދޮގާ، ކަރަޕްޝަނާ، ފަސާދަޔާ، ދައުލަތް ހިންގަން ނޭނގި ލާހޫރޭ ވާހަކަ އިހުނަށްވުރެ ގަދަޔަށް ދައްކަމާ ހިންގަވާ." އިމްރާންގެ މެސެޖުގައި ވިދާޅުވިއެވެ.