މީޑިއާ ބިލު ތަސްދީގު ކުރުން- މިއީ ރައީސް މުއިއްޒުގެ ޖައްބާރު ކަމުގެ ކުރިމަތީގައި ސާބިތުވާންޖެހޭ ވަގުތު: އިމްރާން

މީޑިއާ ބިލު ތަސްދީގު ކުރުން- މިއީ ރައީސް މުއިއްޒުގެ ޖައްބާރު ކަމުގެ ކުރިމަތީގައި ސާބިތުވާންޖެހޭ ވަގުތު: އިމްރާން

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މީޑިއާ ބިލު ތަސްދީގު ކުރެއްވުމާއެކު، އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ރާއްޖޭގެ ނޫސްވެރިންނަށާއި ރައްޔިތުންނަށް ޚާއްސަކޮށް މެސެޖެއް ދެއްވައިފިއެވެ.

މީޑިއާ ބިލު ތަސްދީގު ކުރެއްވި ފަހުން ޝައިޚް އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު މިއޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޖައްބާރު ކަމުގެ ކުރިމަތީގައި ސާބިތުކަން ދައްކަންޖެހޭ ވަގުތު އައިސްފައި ކަމަށެވެ.

"އެންމެހާ ލޮބުވެތި ނޫސްވެރިން! މިނިވަން ކަމަށް ލޯބިކުރާ ލޮބުވެތި ރައްޔިތުން! ރައީސް މުއިއްޒުގެ ޖައްބާރު ކަމުގެ ކުރިމަތީގައި ސާބިތުކަން ދައްކަން ޖެހޭވަގުތު މިއޮތީ ޖެހިގައި. ކުޑަކޮށްވެސް ދުލެއް ނުދީ ރައީސް މުއިއްޒުގެ ދޮގާ، ކަރަޕްޝަނާ، ފަސާދަޔާ، ދައުލަތް ހިންގަން ނޭނގި ލާހޫރޭ ވާހަކަ އިހުނަށްވުރެ ގަދަޔަށް ދައްކަމާ ހިންގަވާ." އިމްރާންގެ މެސެޖުގައި ވިދާޅުވިއެވެ.

ޝައިޚް އިމްރާން ވިދާޅުވީ، ރައީސް މުއިއްޒަށްވުރެ ބޮޑު ޙިއްސާއެއް މި ގައުމުގައި ދިވެހި ރައްޔިތުންގެ ކިބައިގައި އެބައޮތް ކަމަށެވެ.

"ރައީސް މުއިއްޒުއާ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑުކޮށް އަޅުގަނޑުމެންގެ ހިއްސާ ދިވެހި ގައުމުގައި އޮންނާނެ." އިމްރާން ވިދާޅުވިއެވެ.

މީޑިއާ ބިލު ތަސްދީގު ކުރުމާއެކު އިމްރާންގެ ޚާއްސަ މެސެޖެއް މިއައީ، އެ ބިލު ތަސްދީގު ކުރުމުގެ ކުރިންވެސް އެކަމަށް ވާހަކަ ދައްކަވާފައި ވަނިކޮށެވެ. އިމްރާން ކުރިން ވިދާޅުވީ، މީޑިއާ ބިލު ތަސްދީގު ކުރައްވައިފިނަމަ، އެކަން ވެގެންދާނީ ރައީސް މުއިއްޒުގެ ވެރިކަން ނިމުމުގެ ދޮރު އެމަނިކުފާނު އަމިއްލަފުޅަށް ހުޅުވުން ކަމަށެވެ.

"ފާއިތުވި ގަރުނެއްހާ ދުވަހު، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންހިގާފައިވާ ގޮތައް ބަލާއިރު، ރައީސް ޑރ. މުއިއްޒު މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރަށްވައިފިނަމަ، މާނައަކީ ވެރިކަން ނިންމުމުގެ ދޮރު އަމިއްލަފުޅަށް ހުޅުއްވާ ދެއްވީ" އިމްރާން ވިދާޅުވެފައިވެއެވެ.

އިމްރާން ވިދާޅުވީ، މީޑިއާ ބިލު ތަސްދީގު ކުރައްވައި، ވެރިކަން ނިމުމުގެ ދޮރު އަމިއްލަފުޅަށް ރައީސް މުއިއްޒު ހުޅުވައިދެއްވައިފިނަމަ، އެ ދޮރު ބަންދު ކުރުމުގެ ކުޅަދާނަކަން ރައީސް މުއިއްޒަށް އެހިސާބުން ލިބިގެންނުވާ ކަމަށެވެ. އަދި މީޑިއާ ބިލު ފާސްކޮށްފިނަމަ، ފަހަރަކު މީހަކު ރައީސް މުއިއްޒާ ދެކޮޅަށް ނުކުންނަމުން ދާނެކަމަށާއި،  ރައީސް މުއިއްޒުގެ ވެރިކަން ނިމޭނީ މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މީޑިއާ ބިލު ފާސްކޮށް ދެއްވި މެމްބަރުންވެސް ރައީސް މުއިއްޒާ ދެކޮޅަށް ނުކުމެވަޑައިގެން ކަމަށް އިމްރާން ވިދާޅުވިއެވެ.

"ރައީސް މުއިއްޒު އާ ދެކޮޅަށް ފަހަރަކު މީހަކު ނިކުންނަމުން ގޮސް ވެރިކަން ނިމޭނީ ޕީއެންސީގެ މަޖިލިސް މެންބަރުންވެސް ރައީސް މުއިއްޒުގެ ވެރިކަމާއި ދެކޮޅަށް ނިކުންނަވައިގެންނެވެ." އިމްރާން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *