މީޑިއާ ބިލަކީ "ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް" ކަމަށް ނާޒިމަށް ވިދާޅުވެވުން- އެނގުނީ ބާތިލުގެ މައްޗަށް ޙައްގު ފާޅުވާނެކަން: ޝާހިދު

މީޑިއާ ބިލަކީ "ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް" ކަމަށް ނާޒިމަށް ވިދާޅުވެވުން- އެނގުނީ ބާތިލުގެ މައްޗަށް ޙައްގު ފާޅުވާނެކަން: ޝާހިދު

* ބުޅާ ގޯނިން ބޭރުވީ ވޯޓަށް އަހާ ހިސާބުން

* ވަޒީރުން އާންމުންނަށް "ވަސްވާސް" ދެއްވީ ބިލުން އާންމުންނަށް އަސަރެއް ނުކުރާނެ ކަމަށް، އެކަމަކު މެޖޯރިޓީ ލީޑަރު ފަހުވަގުތު ވިދާޅުވީ ބިލް ފާސްވީމަ އެކަކަށް އެކައްޗެއްވެސް ނުލިޔެވޭނޭ. ނުބުނެވޭނޭ

މީޑިއާ ބިލަކީ ސަރުކާރާ ގުޅުން ހުރި ބިލެއް ނޫން ކަމަށާއި، އެއީ އަމިއްލަ މެމްބަރަކު ހުށަހަޅައިގެން އުޅޭ ބިލެއް ކަމަށް ކުރިން ސަރުކާރުން ބުނަމުން އައިނަމަވެސް، މީޑިއާ ބިލު ފާސް ކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް ވާހަކަފުޅު ފަށައިގަންނަމުން އެ ބިލަކީ "ސަރުކާރުގެ ފަރާތުން ހުށަހެޅި" ބިލެއް ކަމަށް ވިދާޅުވެވުމުން އެނގިގެން ދިޔައީ އަބަދުވެސް ބާތިލުގެ މައްޗަށް ޙައްގު ފާޅުވާނެކަން ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މީޑިއާ ބިލު ފާސްކުރި ޖަލްސާގެ ކުރިން ސަރުކާރުގެ އިސްބޭފުޅުންނާއި ސަރުކާރަށް ތާއީދު ކުރައްވާ ޕީއެންސީގެ ހުރިހާ މެމްބަރުންވެސް ފާހަގަ ކުރައްވަމުން ގެންދެވީ އެ ބިލަކީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ، އަމިއްލަ މެމްބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވައިގެން އުޅުއްވާ ބިލެއް ކަމަށެވެ. ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުގެ ރާގު ހުރީ އެބިލު ހުށަހެޅުމުގައި ސަރުކާރުގެ އަތެއް ނެތް ކަމަށެވެ. ނަމަވެސް ނޫސްވެރިންނާއި މީޑިއާ ތަކުން ތުހުމަތު ކުރަމުން ދިޔައީ އެ ބިލަކީ މެމްބަރު ހަންނާން ލައްވައި ސަރުކާރުގެ އިސްފަރާތްތަކެއް ހުށަހަޅައިގެން އުޅުއްވާ ބިލެއް ކަމަށެވެ.

ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިކަމަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ، މީޑިއާ ބިލުގެ ކަންކަން ކުރިއަށް ގެންދިޔައީ ހުރިހާ ގޮތަކުންވެސް އޮޅުވާލައިގެން ކަމަށެވެ.

"އެއީ އެ ބިލުގެ ނަން އެންމެ ފުރަތަމަ ނޫސްވެރިކަމުގެ ކަންތައްތައް ހިންގުމާބެހޭ ކަމަށް ވިދާޅުވެ އޮޅުވާލެއްވި. އެ ބިލްގެ އަސްލު ނަމަކީ ކޮންޓްރޯލް ބިލް." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަ ވެގެންދިޔައީ އަބަދުވެސް ބާތިލުގެ މައްޗަށް ހައްގު ފާޅުވާނެކަމެވެ.

"ދެވަނަ ކަމަކީ ބިލް ހުށަހެޅީ އަމިއްލަ މެންބަރެއް ކަމަށް ވިދާޅުވެ ހައްދަވަމުން ގެންދެވީ ބުހުތާނު ދޮގު. އަބަދުވެސް ބާތިލުގެ މައްޗަށް ޙައްގު ފާޅުވާނެކަން އެނގުނީ އިއްޔެ އެ ބިލް ވޯޓަށް އައްސަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސަށް ވިދާޅުވެވުނީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހުށަހަޅުއްވާ ބިލަށް ވޯޓް ދެއްވުމަށް. އެ ހުންނަނީ ބައްލަވާ ކަންތައް ދިމާވާ ގޮތް." ޝާހިދު ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ޝާހިދު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އެމްޑީޕީ

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި، އެ ބިލަކީ ރައީސުލްޖުމްހޫރިއްޔާއަށްވެސް އެނގިވަޑައިގެން ހުށަހެޅުއްވި ބިލެއް ނޫން ކަމަށް ރައީސްވެސް ވިދާޅުވެ، އަދި ވަޒީރުންވެސް އެފަދައިން ވިދާޅުވެ، ސަރުކާރުން އެ ބިލަށް އިސްލާޙު ގެންނާނެ ކަމަށް ދިޔައީ ވިދާޅުވަމުންނެވެ.

"އެކަމަކު އެންމެ ފަހުން ބުޅާ ގޯނިން ބޭރުވީ ވޯޓަށް އަހާ ހިސާބުން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މި ބިލުގެ ސަބަބުން އާންމު ފަރުދުން ސޯޝަލް މީޑިއާގައި ދައްކާ ވާހަކައަކުން އެފަރާތްތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ބިލު ފާސްކުރުމުގެ އެއްދުވަސް ކުރިން ދައުލަތުގެ ވަޒީރުންވެސް ދިޔައީ ވިދާޅުވެ، ރައްޔިތުންގެ ސިކުނޑިއަށް ވަސްވާސް ދެމުން ކަމަށެވެ.

"މިހުރިހާ ކަމެއް ކުރައްވާ ނިމިގެން އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މެޖޯރިޓީ ލީޑަރު ވާހަކަފުޅު ދައްކަވާ. އެއްބުރަށް ވާހަކަ ދައްކަވާފައި އަދި އެވަރު ކަމުނުގޮސްގެން ދެވަނަ ބުރަށް ތެދުވެވަޑައިގެން ވިދާޅުވީ ނޫނެކޭ، މި ބިލް ފާސް ކުރީމާ އެކަކަށް އެކައްޗެއްވެސް ނުލިޔެވޭނޭ. އެކަކަށް އެކައްޗެއްވެސް ނުބުނެވޭނޭ. ތިމަންނަމެން ބޭނުން ވަނީ ހަމައެކަނި މިއިން ހަމަ ސާފުކޮށް ކޮންޓްރޯލް ކޮށްލާށޭ. އެހެރީ މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަތައް. މިހާރު މަޖިލީހުގެ ޔައުމިއްޔާގައި އެހެރީ ސީދާ ސާފުކޮށް ފެންނަން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވިގޮތުގައި އެ ހުރިހާ ވާހަކަތަކެއް ދިމާއަށް ފެންނަން ހުރުމާއެކު، ދެން އެކަން ކޮންމެ ގޮތަކަށް ސްޕިން ކުރަން އުޅުނަސް މީޑިއާ ކޮންޓްރޯލް ބިލު ސަރުކާރުން ގެނެސްފައި ވަނީ ޙީލަތްތެރިކަމާއި މަކަރުވެރިކަމާއެކު ބޮޑު ޖަރީމާއެއް ހިންގަންކަން މިހާރު ވަނީ ފަޅާއަރާފައެވެ.

ރޭ އޮތް ގައުމީ މަޖިލީހުގެ ޖަލްސާގައިވެސް ރައީސް ޑރ. މުއިއްޒަށް، ޝާހިދު އިލްތިމާސް ކުރެއްވީ އެ ބިލު ތަސްދީގު ނުކުރެއްވުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *