* ނޫސްވެރިކަމުގެ މިނިވަންކަމާއި، ޑިމޮކްރަސީގެ ޙިމާޔަތުގައި ރައްޔިތުން ސާބިތުކަމާއެކު އިހުތިޖާޖު ކުރައްވާ!
ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި މީޑިއާ ބިލު ތަސްދީގު ނުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އިލްތިމާސް ކުރައްވައިފިއެވެ.
މީޑިއާ ބިލު މަޖިލީހުން ފާސްކުރުމާއި ގުޅިގެން ޝާހިދު ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ކުރުމަށް ފާސްކުރި ބިލަކީ ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދީފައިވާ، މިނިވަންކަމާއެކު ބަސް ބުނުމުގެ ޙައްޤު ނިގުޅައިގަތުމަށް މިސަރުކާރުން ހިންގާފައިވާ ވަރަށް ފިނޑި ޢަމަލެއް ކަމަށެވެ.
"މިއީ ދިވެހި ޒުވާނުން ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުން ކުރުން މަނާކޮށް، މިސަރުކާރުގެ ވެރިން ކުރަމުންދާ ވައްކަންތައް ފޮރުވުމަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެއް." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރަސީގެ ޙިމާޔަތުގައި ދިވެހި ރައްޔިތުން ސާބިތުވެތިބެ، އިހުތިޖާޖު ކުރުން އެދިވަޑައިގަންނަވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މި ޢައިރު ގާނޫނީ ބިލް ތަސްދީގު ނުކުރެއްވުމަށް ރައީސް މުޢިއްޒުއަށް އިލްތިމާސް ކުރަން. އަދި ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި، މިރާއްޖޭގެ ޑިމޮކްރަސީގެ ޙިމާޔަތުގައި އެންމެހާ ރައްޔިތުން ސާބިތުކަންމަތީ އިޙުތިޖާޖު ކުރެއްވުމަށް ގޮވާލަން." ޝާހިދު ވިދާޅުވިއެވެ.
މީޑިއާތައް ކޮންޓްރޯލް ކުރެވޭގޮތަށް އޮތް ބިލު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރީ 60 މެމްބަރުންގެ ވޯޓާއެކުގައެވެ. ބިލު ފާސްކުރިއިރުވެސް ގިނަ އަދަދެއްގެ ނޫސްވެރިން ދިޔައީ މަޖިލިސް ގޭދޮށުގައި އިހުތިޖާޖު ކުރަމުންނެވެ.