ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މޫނު ބުރުގާ އެޅޭ ގޮތަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު އިސްލާހު ކޮށްފިއެވެ.
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް ގެނެސްފައިވާ އައު އިސްލާހުގައިވާ ގޮތުން ސިވިލް ސަރވިސްގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައިކަން ބަޔާން ކޮށްފައިވެއެވެ. އަދި އެ ޚިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ ކުރިން ގަވާއިދުގައި އޮންނަ ގޮތުން ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތަކަށް ކަމަށް ބަޔާންކޮށްފައި ވެއެވެ. މީގެ ސަބަބުން މޫނު ބުރުގައި އަޅައިގެން ޚިދުމަތް ކުރުމުގެ ފުރުޞަތު އޮތީ ބަންދު ވެފައެވެ. ނަމަވެސް މިހާރު މި ގެނެވޭ އިސްލާހާއެކު މޫނު ބުރުގާ އަޅައިގެން، ދޭ ޚިދުތަމަކީ ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއްނަމަ، ނަމާއި މަގާމު އެނގޭ ގޮތަށް ކާޑެއް ނުވަތަ ޓެގެއް ބޭނުން ކުރެވިދާނެއެވެ.
ސިވިލް ސަރވިސް މުވައްޒަފުންނަށް މޫނު ބުރުގާ އެޅުމުގެ ފުރުޞަތު ފަހިވެގެން ގޮސްފައިވާއިރު، މިފަހުން މޫނު ބުރުގައި އަޅައިގެން ޝަރުޢީ ދާއިރާގައިވެސް މަސައްކަތްކުރެވޭ ގޮތަށް ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު ވަނީ އިސްލާހު ކޮށްފައެވެ.