މީޑިއާ ބިލާ ގުޅޭގޮތުން ދައްކާ ވާހަކަ ތަކުގެ "މަޅީގައި" ޒުވާނުން ނުޖެހުމަށާއި، ރައްޔިތުންގެ މަޖިލީހުގައި މިވަގުތު އޮތް މީޑިޔާ ބިލުގެ ސަބަބުން އާންމުން ސޯޝަލް މީޑިޔާގައި ބޭނުން ކުރަމުންދާ އެކައުންޓްތައް ބަންދުކޮށް، އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރ، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީޑިޔާ ބިލުގެ ސަބަބުން އާންމު ރައްޔިތުންނަށް ސޯޝަލް މީޑިޔާ ބޭނުން ކުރުމުގައި އުދަނގޫތަކެއް ކުރިމަތިވެ، އެކައުންޓްތައް ބަންދުކޮށް، ފިޔަވަޅު އަޅާނެ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫނެވެ. އޭނާ ވިދާޅުވީ އެގޮތަށް ވާހަކަ ދައްކަނީ ނޫސްވެރިންގެ ގޮތުގައި ތިބި "އެމްޑީީޕީގެ އެކްޓިވިސްޓުން" ކަމަށެވެ.
"ނޫސްވެރިކަމުގެ ތާޖު އަޅައިގެން ތިބި އެމްޑީޕީގެ އެކްޓިވިސްޓުން ތަކެއްގެ މަޅީގައި ތިޔަ ޒުވާނުން ޖެހިވަޑައި ނުގަންނަވާނެކަން އަޅުގަނޑަށް ޔަޤީން" ފަލާހު ވިދާޅުވިއެވެ.
"ލޮބުވެތި ޒުވާނުން ތީ މި ޤައުމުގެ މުސްތަޤުބަލް. ކިޔަވައިގެން ތިއްބެވި ވިސްނުންތެރި ޒުވާން ޖީލެއްތީ" ފަލާޙް ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ މީޑިޔާ ބިލުގެ ސަބަބުން ޒުވާނުންނަށް ސޯޝަލް މީޑިޔާ ބޭނުން ކުރުމުގައި އުނދަގޫވާނެ ކަމަށް ދައްކާ ވާހަކަ ގަބޫލު ނުކުރުން އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެކުރިން މަޖިލީހުގެ ޖަލްސާއެއްގައި ފަލާހު ވިދާޅުވީ، ނޫސްވެރިންވީ ހަމައެކަނި ޖަލަށްލާން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ދޮގު ޚަބަރު ފަތުރާ ނޫސްވެރިންވީ އުލުބައިންދަން ކަމަށެވެ. މި މައްސަލަ ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައެވެ.