ރައީސް ފޮނުއްވި ތިން ބޭފުޅުންވެސް އެޗްއާރުސީއެމަށް ގާބިލް ކަަމަށް ކޮމިޓީން ނިންމައިފި

ރައީސް ފޮނުއްވި ތިން ބޭފުޅުންވެސް އެޗްއާރުސީއެމަށް ގާބިލް ކަަމަށް ކޮމިޓީން ނިންމައިފި

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)އަށް މެންބަރަކު އައްޔަނުކުރުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ތިން ބޭފުޅުންނަކީވެސް އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރުމަށް ގާބިލް ތިން ބޭފުޅުންކަމަށް މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަ ކޮމިޓީން ފާސްކޮށްފިއެވެ.

އެއީ އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ މުއްދަތު އަންނަ މަހު 8 ވަނަ ދުވަހަށް ހަމަވާތީ މެންބަރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި، އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކޮމިޝަނަށް އައްޔަންކުރަން ރައީސް މުއިއްޒަށް ފެނިވަޑައިގަނަންވާ ތަރުތީބުން ތިން ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވިއެވެ.

އެ ތިން ނަމަކީ:

އަހްމަދު މަގްސޫމް، ސީބްރީޒް / ސ. ހުޅުދޫ

އަމީރާ ނައީމް، ހ. ބުރުޒް

ފާތިމަތު ނަފްއަތު އަބްދުލްވައްހާބް، ދަފްތަރު ނަމްބަރު ދރ 712

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ތިން ބޭފުޅުންގެ ނަން އިއުލާން ކުރެއްވުމަށްފަހު، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް، މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަ ކޮމިޓީއަށް ފޮނުވީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

އެ ތިން ބޭފުޅުންނާބެހޭގޮތުން ޝަކުވާއެއް އޮތްނަމަ އެކަން މަޖިލީހުގެ އިދާރާއަށާއި، ކޮމިޓީއަށް ހުށަހެޅުމުގެ ފުރުސަތު އެ ދުވަހުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހާ ހަމައަށް ކޮމިޓީން ހުޅުވައިލިއެވެ.

އެއަށްފަހު މިއަދު ކޮމިޓީން ވަނީ އެބޭފުޅުންނާ އިންޓަވިއުކޮށްފައެވެ.

މި އިންތަވިއުގައި، ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށްޓަކައި، ވޯޓަށް އަޔަން ކޮމިޓީން ކަނޑައަޅާފައިވާ އެވްރެޖް 75 ޕަސެންޓަށްވުރެ މަތިން، ކޮންމެ ބޭފުޅަކަށްވެސް ޕޮއިިންޓް ލިބުނެވެ.

އެހެންކަމުން އެ ތިން ބޭފުޅުންނަކީ ވެސް ކޮމިޝަނަށް އައްޔަންކުރުމަށް ގާބިލް ތިން ބޭފުޅުންކަމަށް ކޮމިޓީން ފާްސްކުރަން ފެންނަކަމަށް ކޮމިޓީގެ މުގައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހުށަހަޅުއްވައި، މާފަންނު ދެކުނު ދާއިރާގެ މެންަބރު އަބުދުﷲ ރިފާއު ތާއިދު ކުރެއްވިއެވެ.

އެ ހުށަހެޅުމުގައިވާގޮތަށް، އެ ތިން ބޭފުޅުންނަކީ ވެސް ކޮމިޝަނަށް އައްޔަންކުރުމަށް ގާބިލް ތިން ބޭފުޅުންކަމަށް، އެވަގުތު ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްކުރިއެވެ.

ދެން ކޮމިޓީގެ ނިންމުން ހުށަހަޅާނީ މަޖިލިސް ތަޅުމަށެވެ.

އެ ތިން ބޭފުޅުންގެ ތެރެއިން އެޗްއާރުސީއެމްއަށް އައްޔަންކުރާނެ ދެ މެންބަރުން ފާސްކުރާސި މަޖިލިސް ޖަލްސާއިންނެވެ.

އެކަަމަށްތަކައި މިމަހުގެ 27 ވަނަ ދުވަހާއި 28 ވަނަ ދުވަހު ދައުރުން ބޭރުން މަޖިލީހުގެ ދެ ޖަލްސާއެއް ބާއްވަން ވަނި ނިންމައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *