‏އައްބާސްގެ ވާހަކަ ދޮގު ކުރުމުން މޫސަގެ ވަރުގަދަ ރައްދެއް ޕީއެންސީގެ ޕީޖީ ގްރޫޕަށް

‏އައްބާސްގެ ވާހަކަ ދޮގު ކުރުމުން މޫސަގެ ވަރުގަދަ ރައްދެއް ޕީއެންސީގެ ޕީޖީ ގްރޫޕަށް

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕީއެންސީގެ 14 ވަރަކަށް މެމްބަރުން ގޮނޑި ގެއްލުނަސް ހެޔޮކަމަށް، ޕީއެންސީން ވަކިވާނެ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ދެއްކެވި ވާހަކަ ޕީއެންސީގެ ޕީޖީ ގްރޫޕުން ދޮގު ކުރުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާާޕާސަން ރީކޯ މޫސާ މަނިކުގެ ވަރުގަދަ ރައްދެއް ޕީއެންސީގެ ޕީޖީ ގްރޫޕަށް ދެއްވައިފިއެވެ.

އައްބާސްގެ ވާހަކަތަކާއި ގުޅިގެން ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު ފަލާހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ލީޑަރު އަބްދުއްރަޙީމް އަބްދުﷲ އާއި ޕީޖީ ގްރޫޕްގެ ބަޔެއް އެހެން މެމްބަރުންވެސް ވަނީ އައްބާސްގެ ވާހައަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށާއި، ޕީއެންސީގެ ޕީޖީ ގްރޫޕް އޮތީ ބަދަހިކޮށް އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.

މި ވާހަކަ ތަކަށް ރައްދު ދެއްވައި މޫސަ އެކްސްގައި ވިދާޅުވީ، ޕީއެންސީގެ ޕީޖީ ގްރޫޕުން އެ ދައްކާ ވާހަކަ ގަބޫލު ކުރާނީ "މޮޔައިން" ކަމަށެވެ.

"މެމްބަރު  އައްބާސްގެ  ވާހަކަ  ދޮގު ކުރައްވާފަ. 20 ވަނަ މަޖުލީހުގެ  މެމްބަރުން ޕީއެންސީ އަށްދޭ ޔަޤީންކަން  ޤަބޫލު ކުރާނީ މޮޔައިން" މޫސަ ވިދާޅުވިއެވެ.

ހަމައެއާއެކު މޫސަ ވަނީ ރައްޔިތުންގެ މަޖިލީހުގައި މީގެކުރިން ކުރެއްވި ބަޔެއް މަސައްކަތްތަކުގެ ތަޖުރިބާވެސް ހިއްސާ ކުރައްވާފައެވެ. މޫސައަކީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރުކަމާއި މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރެއްވި ބޭފުޅެކެވެ.

މޫސަ ވިދާޅުވީ އެމްޑީީޕީގެ ފުރަތަމަ ވެރިކަމުގައި ނަޝީދު ރައީސް ކަމުގައި ހުންނެވި ދުވަސްވަރު، 17 ވަނަ މަޖިލީހުގައި އެމްޑީޕީން ވޯޓު ހަމަކުރާއިރު، އޭރު އިދިކޮޅުގައި އޮތް މައި ޕާޓީ ކަމަށްވާ ޑީއާރުޕީގެ މެމްބަރުން ތަކެއް އެމްޑީޕީއަށް ސޮއި ކުރެއްވިކަން ފާހަގަ ކުރައްވާފައެވެ.

މީގެއިތުރުން ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ޔާމީން ރައީސް ކަމުގައި ހުންނެވިއިރުވެސް، އެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުނުކަން ފާހަގަ ކުރެއްވިއެވެ.

"ޕީޕީއެމްގެ ވެރިކަމުގަ އެ ޕާޓީގެ  މެޖޯރޓީ  ގެއްލި  އެއްމެފަހުން  ޤާނޫނުއަސާސީއާ ޚިލާފަށް  ސްޕްރީމް ކޯޓުން 12 މެމްބަރެއް ގޮނޑި ގެއްލުވާލާ އެސަރުކާރު ނިމެއްދެން ޕާލިމެންޓް ހުއްޓުވާފަ ބާއްވަން ޖެހުނު، އެމްޑީޕީގެ މެމްބަރުން އެތަށް ފަހަރަކު ޕީޕީއެމްގެ ސަރުކާރާ އެއްކޮޅަށް ވޯޓުދިން " މޫސަ ވިދާޅުވިއެވެ.

އެކަމުގެ މިސާލެއް ޖެއްސެވުމުގެ ގޮތުން މޫސަ ދެއްކެވީ މޫސަގެ އަމިއްލަފުޅު މިސާލެކެވެ.

"އެމްޑީޕީން ކަނޑާލީމަ އަޅުގަނޑު ހުރިތަން އެގޭނެ" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، 19 ވަނަ ރައްޔިތުންގެ މަޖިލީހުންވެސް ހަމަ އެކަހަލަ މަންޒަރު ފެނިގެން ދިޔަ ކަމަށެވެ. އެގޮތުން އެމްޑީޕީގެ މެމްބަރުންތަކެއް އެމްޑީޕީން ވަކިވެ އަމިއްލަ ޕާޓީއެއް އުފެއްދުމާއި، އެމްޑީޕީގެ މެމްބަރުންތަކެއް ޕީޕީއެމްއަށް ސޮއި ކުރުން ފާހަގަ ކުރެއްވިއެވެ.

"19 ވަނަ މަޖުލީހުގައި އެމްޑީޕީގެ  މޭގަނޑު ކަމަށް  ނަންކިޔާ  އެންމެން  މަޖުލީހުގަ އެމްޑީޕީގެ  ސަރުކާރާދެކޮޅަށް  ތެދުވެ، އެންމެފަހުން އެމްޑީޕީގެ  އެތަށް މެމްބަރުންނެެއް ޕީޕީއެމްއާއި ގުޅި،  އަނެއްބަޔަކު  އާ  ޕާޓީ އެއްހަދާ އެމްޑީޕީގެ  ސަރުކާރަށް އޮތް މެޖޯރިޓީ ގެއްލުވާލި.  މީ އިހަށްދުވަހު ވީކަންކަން" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، އެއިރަކު ސަރުކާރުގައި ތިބޭ ބަޔަކަށް ތިމަންމެންގެ ބާރު ގަދަ ކަމަށް ހީވިޔަސް، ޤާނޫނު އަސާސީގައި ހުރިހާ ބާރެއް އޮތީ ރައްޔިތުންގެ މަޖިލީސްގައި ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *