ކަައުންސިލްތަކުގެ މާލީ ބާރުތައްނަގާ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނީ މާދަމާ މެންދުރަށް

ކަައުންސިލްތަކުގެ މާލީ ބާރުތައްނަގާ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނީ މާދަމާ މެންދުރަށް

ލާމަރުކަޒީ ގާނޫނުން ލޯކަލް ކައުންސިލްތަކަށް ދީފައިވާ ބައެއް މާލީ ބާރުވެރިކަން ސަރުކާރަށް ނެގުމުގެ ގޮތުން، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް އާއްމުކޮށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 1:00 އާހަމައަށް ހުޅުވާލައިފިއެވެ.

އެފުރުސަތު ހުޅުވައިލީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެބިލް މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ފޮނުވި ލާމަރުކަޒި ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެގޮތަށް ފާސްކޮށްގެންނެވެ. އަދި އެ ބިލްގެ މަސައްކަތް މާދަމާރޭ 10 އަށް ކޮމިޓީން ނިންމުމަށްވެސް ވަނީ ފާސްކޮށްފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މި ހުށަހެޅުންތައް ހުށަހެޅީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާންއެވެ. ތާއީދު ކުރެއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދެވެ. ފާސްކުރީ ކޮމިޓީއަށް ވަޑައިގެންނެވި ޕީއެންސީގެ 7 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ތަންތަނުން ކައުންސިލުތަކަށް ކުލި ނުނެގޭ ގޮތް ހަދަން ގާނޫނު އިސްލާހު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ ލާމަރުކަޒީ ކޮމެޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ހުށަހެޅުއްވި މި ބިލްގައި ބުނެފައިވަނީ ބިލު ހުށަހެޅުމުގެ ބޭނުމަކީ ލާމަރުކަސީ ގާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނުނުގައި ކަނޑައެޅުމާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލު ކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖައާ ކުރުމާއި، ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގެ ތެރޭގައި މުހިއްމު މާލީ ކަންތައްތައް ކައުންސިލްތަކުން ނިންމުމުުގައި އަމަލު ކުރަންޖެހޭ އުސޫލުތައް ބަޔާން ކުރުން ކަމަށެވެ.

މި ގާނޫނުގެ 100 ވަނަ މާއްދާއަށް އިތުރު ކުރަން މި ބިލްގައި ހިމަނާފައިވާ އިސްލާހުުގައި ވަނީ، ކައުންސިލްތަކުގެ ބޭންކު އެކައުންޓްތައް ބަލަހައްޓަން ވާނީ، މާލީ ކަންކަން ހިންގުމާބެހޭ މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައިފައެވެ. އަދި އެ އެކައުންޓް ތަކުގެ ސްޓޭޓްމެންޓެއް ހޯދަން މާލީ ވުޒާރާއިން އެދިއްޖެނަމަ އެ މައުލޫމާތެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު މާލީ ކަންތައްތައް ނިންމާނެ ގޮތުގެ މާއްދާއެއް ގާނޫނަށް އިތުރު ކުރަންވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

އެ މާއްދާގައި ބުނަނީ ކައުންސިލްތަކުގެ އުމުރު ހަމަވާން އޮތީ އަހަރު ދުވަހަށްވުރެ ކުރު މުއްދަތެއްނަމަ، މާލީ ވުޒާރާ އާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ނޫނީ ތިންކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.

އެކަންތައް ތަކަކީ:

  • ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލް އޮފީހަށް ދާއިމީކޮށް، ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނުނެގުން.
  • ކައުންސިލްގެ އިހްތިސާސް ދަށުގައިހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން.
  • ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ ތަރައްގީގެ މަޝްރޫއުތައް ނުފެށުން.

ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ފޮނުވި ބިލުގައި 70 ވަނަ މާއްދާއަށް ދެ އަކުރު އިތުރު ކުރަންވެސް ހުށަހަޅާފައިވާ އިރު، "ލޯކަލް އޮތޯރިޓީ ކުންފުނި" ތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ މަސައްކަތްތަކެއް ކަމަށް ވާންވާނެ ކަމަށް ވަނީ ހިމަނައިފައެވެ.

އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހިމެނެންޖެހޭ ޝަރުތުތައް:

 

  • އެ މަސައްކަތަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގުތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއްކަމުގައި ނުވުންއެ މަސައްކަތަކީ، ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވުން،
  • އެފަދަ މަސައްކަތުގެ އިންވެސްޓްމަންޓްގެ އަދަދު 10،000،000 ރުފިޔާއަށްވުރެ ބޮޑުވުން.

މީގައި ހިމެނޭ ޝަރުތުތައް ހަމަނުވާ ވިޔަފާރި ހަރަކާތްތައް، ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ގާނޫނަށް ގެނެސް، ރައީސް ބިލު ތަސްދީގުކޮށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ހުއްްޓާލަން ޖެހޭނެ ކަމަށްވެސް ބިލުގައިވެއެވެ.

ރަށު ކައުންސިލު ތަކުން ކުއްޔަށް ދޫކޮށްފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކާއި، ކައުންސިލް އިމާރާތްތަކާއި މުދަލުގެ ކުލީގެ ވާހަކަ ގާނޫނުގައި އޮތް ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިން ނުވަތަ އިމާރާތް ތަކުން ކުއްޔެއް ނުނެގޭ ގޮތް ހަދަން ގާނޫނުގެ 75 ވަނަ މާއްދާއަށް އަކުރއް އިތުރުކުރަންވެސް ބިލްގައި ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން ސަރުކާރުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގުއި ދޭންޖެހޭނެ ކަމަށް ގާނޫނުގެ 79 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ފައިސާ ދޭ އުސޫލަށް ބަދަލު ގެނައުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

ގާނޫނުގެ 79 ވަނަ މާއްދާގައި ބުނަނީ، ސަރުކާރުން ކޮންމެ އަހަރަކުމެ ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނައި، ބަޖެޓު ފާސްވުމުން، ފާސްވި ބަޖެޓާ އެއްގޮތަށް ދައުލަތުގެ އެ އަހަރެއްގެ އާމްދަނީގެ ގޮތުގައި އަންދާޒާކުރާ މިންވަރުގެ މަދުވެގެން 5 ޕަސަންޓާ އެއްވަރުގެ އަދަދެއްގެ ފައިސާ ކައުންސިލްތަކަށް ދޭންޖެހޭނެ ކަމަށެވެ. އަދި ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ 40 ޕަސަންޓަށްށްވާ ފައިސާ ދޭންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް މި މާއްދާއަށް ގެންނަ ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ އެ އާމްދަނީ ކައުންސިލް ތަކަށް ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ޓެކުހަށްވާ ފައިސާ އާއި ކަރަންޓުގެ ހިދުމަތާއި ފެނުގެ ހިދުމަތާއި ފާހާނާއާއި ނަރުދަމާގެ ހިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަސްދުވަހަށްވުރެ ގިނަދުވަސް ވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ ފައިސާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *