ކުރިއަށް އޮތް ހަތަރު ދުވަހަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ވަރަށް ގޯސް ވާނެ ހަތަރު ދުވަސް ކަމަށާއި އެކަމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓުން މިއަދު ބުނީ ކުރިއަށް އޮތް ހަތަރު ދުވަސް ވެގެންދާނީ ވިއްސާރަ، ވައިގަދަ، ކަނޑުތައްވެސް ގަދަ ހަތަރު ދުވަސް ކަމަށް ލެފާ ކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރަކީވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރާނެ ކަމަށް ލަފާކުރެވޭ 24 ގަޑިއިރު ކަމަށެވެ. މެޓުން ބުނީ މޫސުން ރަނގަޅުވެ، މަޑުވާން ފަށާނެ ކަމަށް ލަފާ ކުރެވެނީ މި ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށެވެ.
މެޓުން ލަފާ ކުރާ ގޮތުގައި މެދުރާއްޖެ ތެރޭގެ ރަށްތަކަށް މިއަދު ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ދެކުނުގެ ރަށްރަށަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާ ކުރެވެއެވެ.
މެޓުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. މޫސުން ގޯސްވެ، ކަނޑުތައް ގަދައިރު ސަލާމަތީ ކަންކަމަށް އިތުރަށް ސަމާލުވުމަށް އަބަދުވެސް ކަމާގުޅޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. ނަމަވެސް މޫސުމަށް އެކަށީގެންވާ ވަރަށް ނުބަލައި ކަނޑުދަތުރު ކުރުމުން ހިތާމަވެރި ހާދިސާތައްވެސް މެދުވެރި ވެފައި އެބަހުއްޓެވެ.
މި ދުވަސްވަރަކީ ސްކޫލް ޗުއްޓީ ކަމަށްވާތީ ދަތުރުކުރާ މީހުންގެ އަދަދުވެސް ވަނީ ކުރިއަށްވުރެ އިތުރުވެފައެވެ. އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް މި ދުވަސްވަރު ގިނަ އަދަދަކަށް ދަތުރު ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.