ރާއްޖޭގެ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަދި އެމްއެންޕީގެ އިސްވެރިންނާއި، އިންޑިޔާގެ ބޮޑުވަޒީރު ނަދެންދުރަ މޯދީ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން އޮތީ މޯދީ ހުންނަވާ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ. ބައްދަލުވުމަށްފަހު މޯދީ ވިދާޅުވީ، އެ ޕާޓީތަކުގެ އިސްވެރިންނާއެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ބައިވެރިވުމާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވަމުންދާނެ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުމަށް އެ ޕާޓީތަކުގެ ތާއީދު އޮތްކަން ހާމަކޮށްދޭ ކަމަށެވެ.
މި ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އާއި ނައިބު ލީޑަރު އަމީން އިބްރާހީމް އަދި އެމްޑީއޭގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް މުޙަންމަދާއި އެ ޕާޓީގެ ނައިބު ލީޑަރު، ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސްގެ އިތުރުން އެމްއެންޕީގެ ރައީސް، އަހްމަދު ނާޒިމްވެސް ބައިވެރިވެވަޑަތެވެ.
މޯދީ މިއަދު ވަނީ ނައިބު ރައީސް ޙުސައިން މުޙަންމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދާވެސް ބައްދަލު ކުރައްވައިފައެވެ. ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައެވެ.