އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ފަނޑިޔާރުކަމުގެ މަޤާމުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވައިފިއެވެ.
އުއްތަމަ ފަނޑިޔާރު ރިޓަތާ ކުރައްވަން ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
މި މަހުގެ 17 ވަނަ ދުވަހު ބޭއްވުނު ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރަށް ރިޓަޔާކުރައްވަން ފުރުސަތު ދިނުމަށް ވަނީ ނިންމަވާފައެވެ.
މުއުތަސިމް މަޤާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ހިންގުން ހަވާލުކުރަން ނިންމާފައިވަނީ ފަނޑިޔާރު އަބްދުﷲ ހަމީދުއާއެވެ.
އަލްއުސްތާޛް މުއުތަސިމް އަދުނާނަކީ ރާއްޖޭގައި ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވި ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމްގެ ގާނޫނީ ކެރިއަރަށް ބަލާއިރު، އެ މަނިކުފާނު ވަނީ 2009 އިން ފެށިގެން ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އަދި ޑިސެމްބަރު 2019 ގައި އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެވުނެވެ.
އުއްތަމަ ފަނޑިޔާރުގެ ރިޓަޔާމަންޓް ހުށަހެޅުއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑް ކުރެވި، ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވާފައިވެއެވެ. އަދި ފަހުން އަޒްމިރަލްދާ އާއި މަހާޒްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އެ ދެ ބޭފުޅުން މަގާމުން ވަކިކުރެވިފައިވެއެވެ.