ޑޮލަރުގެ އަގު ދުވަހަކު ނުދާހާ މައްޗަށް އުފުލި، އިގްތިސޯދީ ކާރިސާއެއް ބޯމަތި ވަމުން އަންނައިރު، ސިޔާސީ ފަރާތްތަކުގެ މުށުތެރޭގައި ނުހުންނަވައި ފުރިހަމައަށް ޒިންމާ އަދާކުރެއްވުމަށް އެމްއެމްއޭގެ ގަވަރުނަރަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ޑޮލަރުގެ އަގު މައްޗަށް އުފުލެމުން ދިޔުމާއި ގުޅިގެން ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގަވަރުނަރުގެ ޒިންމާ އަދާކުރެއްވުމުގައި ވަރަށް ބޮޑަށް އިހުމާލުވެވަޑައިގެންފައިވާ ކަަމަށެވެ.
"ރައްޔިތުން ހާލުގައި ޖެހި, އިޤްތިޞާދީ ބޮޑު ކާރިސާއެއް ބޯމަތިވަމުން ދާއިރުވެސް، އެމްއެމްއޭގެ ގަވަރުނަރު ހަނު ހުންނެވެމަކީ ޣައިރު ޒިންމާދާރު ޢަމަލެއް. ވަރަށް ބޮޑު އިހުމާލެއް. މިޙާލަތުގައި, ސިޔާސީ ފަރާތްތަކުގެ މުށުތެރޭގައި ނުހުންނަވާ, ގަވަރުނަރު މަޤާމުގެ ޒިންމާ ފުރިހަމަޔަށް އަދާކުރެއްވުމަށް ގޮވާލަން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ޤައުމު ބަގުރޫޓުވެގެން ދިޔަ ނުދިނުމަށްޓަކައި އެމްއެމްއޭއިން އަޅަމުންދާ ފިޔަވަޅުތައް ރައްޔިތުންނަށް ހާމަކުރުމަށްވެސް ގޮވާލައްވާ ކަމަށެވެ.
"ޑޮލަރުގެ އަގު ދިވެހި ތާރީޚުގައިވެސް އުފުލިގެން ނުދާ މިންވަރަށް އުފުލި, ރައްޔިތުންގެ އަތްމަތި ދަތިވެ, ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިނދަޖެހި, ޤައުމު މިދަނީ އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓެމުން. ގައުމު މިދަނީ ބަގުރޫޓު ވަމުން." ޝާހިދު ވިދާޅުވިއެވެ.
ޑޮލަރު ވިއްކާ އަގު 19 ރުފިޔާ އާއި 20 ރުފިޔާގެ މެދުގައި ގިނަ ދުވަސް ތަކަކު ހުރުމަށްފަހު، މިހާރު ވަނީ 20 ރުފިޔާއަށްވުރެވެސް މައްޗަށް އަރައިފައެވެ.
ރާއްޖޭގެ ބަޔެއް ވިޔަފާރިވެރިންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި މުދާ ގަތުމަށްޓަކައި މިހާރު ޑޮލަރު ގަންނަން ޖެހެނީ 20 ރުފިޔާއަށްވުރެ ބޮޑުކޮށެވެ. އެގޮތުން 20.20 ރުފިޔާއަށް އަރާފައިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.
20 ރުފިޔާއަށްވުރެ ބޮޑުކޮށް ޑޮލަރު ގަތް ބަޔެއް ވިޔަފާރިވެރިން ބުނީ، އަދިވެސް ފެންނަނީ ޑޮލަރުގެ އަގު ތިރިނުވެ، މަތިވާނެ ކަމަށެވެ. ޑޮލަރު ވިއްކާ ބަޔެއް ފަރާތްތަކުން 19:90 އަށްވެސް ޑޮލަރު ވިއްކައެވެ. ނަމަވެސް އެއީ ބޮޑު އަދަދަކުން މާރުކުރާނަމައެވެ.
ޑޮލަރުގެ އަގު ބޮޑުވުމުން އެކަމުގެ ކަންބޮޑުވުން އޮތީ ހަމައެކަނި ވިޔަފާރިވެރިންނަކަށްނޫނެވެ. ބޭސްފަރުވާ ފަދަ ކަންކަމުގައި ރާއްޖެއިން ބޭރަށްދާ މީހުންނަށްވެސް ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހުމުން އެކަމުގެ ނުތަނަވަސްކަން ވަރަށް ބޮޑެެވެ.