ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ހަދާފައިވާ ހަތަރު ހާސް ފްލެޓް ލިބުނު ފަރާތްތަކާއެކު މި ސަރުކާރުން ހަދާ އެއްބަސްވުންތަކުގައި އަންނަ ހަފްތާގައި ސޮއި ކުރަން ފަށާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރިއަށް ގެންދާ "އަހާ ފޯރަމް" ގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ފްލެޓް ލިބުނު މީހުންނާއެކު އެގްރީމެންޓްތަކުގައި ސޮއި ކުރުމަށް ކުރަންޖެހޭ އެންމެފަހުގެ މަސައްކަތް މިހާރު މިނިސްޓްރީގެ މުވައްޒަފުން ދަނީ ކުރަމުންނެވެ. އެގޮތުން އެގްރީމެންޓްތަކުގައި ސޮއި ކުރާނެ ތަނެއް ނިންމައި، އެތަނުގައި ޓެންޓު ޖަހައި މަސައްކަތް ކުރުމަށް ތައްޔާރު ވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިހާރުގެ ޓާގެޓަކީ އެ ހުރިހާ ކަންތައްތަކެއް ވެސް ހަމަޖައްސައި، އަންނަ ހަފުތާ ތެރޭ އަޅުގަނޑުމެންނަށް އެގްރިމެންޓުގައި ސޮއިކުރެވެން ފެށޭވަރު ވާނެ ކަމަށް" މިނިސްޓަރު ވިދާޅުވިއެވެ.
މުއްތޮލިބު ވިދާޅުވީ އެގްރީމެންޓްތަކުގައި ސޮއި ކުރުން ލަސްވަނީ، ފްލެޓް ލިބުނު އެންމެން މިނިސްޓްރީއަށް ގެނެސް ސޮއި ކުރުމަކީ އުދަނގޫ ކަމަކަށްވާނެތީ ކަމަށެވެ.
ފްލެޓު އެއްބަސްވުމުގައި ސޮއިކުރުން ލަސްވާތީ ގިނަ ބަޔަކު އަންނަނީ އެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ކަމާ ގުޅިގެން މުއްތަލިބު ވިދާޅުވީ މި ކަމަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަމަށްވާތީ، އެ ކަމަށް ވާންޖެހޭ ތައްޔާރީތައް އެބަހުރި ކަމަށެވެ.
"ވަރަށް ޔަގީންކަން އެބަ އޮތް އަންނަ ހަފުތާ ތެރޭގައި އެގްރިމެންޓުގައި ސޮއި ކުރެވެން ފެށިގެންދާނެ ކަމަށް" މުއްތަލިބު ވިދާޅުވިއެވެ.
4000 ފްލެޓް ލިބުނު މީހުންނާއެކު ކުރީގެ ސަރުކާރުންވެސް އެގްރީމެންޓްގައި ސޮއި ކޮށްފައިވެއެވެ. ނަމަވެސް މި ސަރުކާރުން ނިންމީ އަލުން އެ ފްލެޓްތަކުގެ ކަންކަން ބަލައި ކުރިއަށްދާށެވެ.