ޔޫކޭ އާއި އީޔޫ އިން ރާއްޖޭގެ މައި ފަސްކުންފި ކަމަށްވާ މިފްކޯ ބްލެކް ލިސްޓް ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް މިރޭ ދޮގު ކުރައްވައިފިއެވެ.
ބަޔެއް މީޑިޔާ ތަކުން އެ ޚަބަރު ގެނެސްފައިވާތީ އެކަން ދޮގު ކުރައްވައި ޝިޔާމް މިރޭ އެކްސްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އެފަދަ އެއްވެސް ފިޔަވަޅެއް އަޅާފައި ނެތް ކަމަށް ވިދާޅުވިއެވެ.
"އީޔޫ އިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސް ކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކް ލިސްޓުކޮށްފައި ނުވާ ވާހަކަ ދަންނަވަން." ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އަންނަ ހަފްތާގައިވެސް ޔޫކޭގެ މޭޖަރ ބަޔަރެއް މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް ރާއްޖެ އަންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު ކަމަށްވެފައި، އަދި އެތައް އާއިލާއެއް ދިރިއުޅުން ބަރޯސާ ކުރަނީ މަސްވެރިކަމަށް ކަމުގައިވާތީ އެފަދަ ޚަބަރުތައް ފެތުރުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
" މުޅި ޤައުމަށް ނިކަމެތިކަން އަންނާނެފަދަ ގޮތްގޮތަށް ރެޖިސްޓަރޑް ނޫސް އެޖެންސީއަކުން ހަޤީގަތާ ޚިލާފް މިފަދަ މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަންކުޑަ ޢަމަލެއް ކަމުގައި ދަންނަވަން." ޝިޔާމް ވިދާޅުވިއެވެ.