ދައުލަތުގެ ބަޖެޓުން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ހަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 21 އިންސައްތަ ދަށަށް ގޮސް، ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސް 1.4 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރައިފި އެވެ.
ޖޫން 19 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން ފާއިތުވި ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 16.2 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 21 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން ދައުލަތުގެ ރިކަރަންޓް ހަރަދު 3.4 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 70.1 އިންސައްތައިން ދަށްވެފަ އެވެ.
ރިކަރަންޓް ހަރަދުގެ 58.7 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8.6 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 70 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ ހަރަދު ވަނީ 20.7 އިންސައްތައިން ދަށްވެފަ އެވެ. ހަމައެގޮތަށް ބަޖެޓުން ދަތުރުފަތުރު ކުރުމަށް ކުރެވޭ ހޭދަ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 15.3 އިންސައްތައިން ދަށްވެފަ އެވެ.
އެއާއެކު ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ މިދިޔަ އަހަރާ އަޅާބަލާއިރު 3.6 އިންސައްތައިން ވަނީ ދަށްވެފަ އެވެ. އެ ހަރަދުތައް ދަށްކުރެވިފައި ވިނަމަވެސް، އާސަންދައަށް ހިނގާ ހަރަދު 1.4 އިންސައްތައިން އިތުރުވެ، މެޑިކަލް ވެލްފެއާގެ ހަރަދުތައް 35.2 އިންސައްތައިން ވަނީ ދަށްވެފަ އެވެ. އޭގެ އިތުރުން ހިދުމަތް ދިނުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށާއި ކައުންސިލުތަކަށް ގްރާންޓުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ އަދަދު ނިމިގެންދިޔަ އަހަރާ އަޅާބަލާއިރު ވަނީ އިތުރުވެފަ އެވެ.
އޭގެ އިތުރުން ދައުލަތުން ނަގާފައިވާ ދަރަންޏަށް ފައިސާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 169.5 އިންސައްތަ އަދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާގެ އަދަދު 45.6 އިންސައްތަ ވަނީ އިތުރުވެފަ އެވެ. އިއްޔެ އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުން ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައި ވަނީ 1.6 ބިލިއަން ރުފިޔާ އެވެ. އެގޮތުން މަގު ހެދުމާއި ބްރިޖު އަދި އެއާޕޯޓު ތަރައްގީ ކުރުމަށް ހިނގާފައިވާ ހަރަދު ހިމަނައިގެން އިންފްރާސްޓްރަކްޗާ އެސެޓުތަކަށް 1.4 ބިލިއަން ރުފިޔާ މި އަހަރުގެ ތެރޭގައި ވަނީ ހޭދަކޮށްފަ އެވެ.
މިއީ މި އަހަރަށް މި ކަންކަމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ބަޖެޓުގެ 13 އިންސައްތަ އެވެ. މި އަހަރަށް އެކުލަވާލާފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވާއިރު، އަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމުތަކަށް ހޭދަކޮށްފައި ވަނީ 1.6 ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު އިންސައްތައެއް ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫއުތަކަށް ހޭދަކޮށްފައި ވިނަމަވެސް، މި އަހަރު ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫއުތަކަށް ކޮށްފައިވާ ހަރަދަށެވެ. މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ޖުމްލަ 816.2 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނިންމުމަށް ހިނގާ ހަރަދުތައް ފާހަގަކުރެވެ އެވެ. އެއާއެކު ޕީއެސްއައިޕީ އާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާ ކުރުމަށް މި އަހަރު ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކާ އެކު، އެފަދަ ޕްރޮގްރާމުތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޖުމްލަ ހަރަދު ވަނީ ކުޑަކޮށްފަ އެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން ޖޫން މަހުގެ 19 ވަނަ ދުވަހުގެ ބަޖެޓުން 21.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 7 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން ދައުލަތުގެ ރިކަރަންޓް ހަރަދު 3.4 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 70.1 އިންސައްތައިން ދަށްވެފަ އެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވައޯލް ސާޕްލަސް 1.4 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ.