ކާމިޔާބު ލިބޭނީ އެންމެން އެކުވެރިވެ، އެކުގައި މަސައްކަތް ކޮށްގެން ކަމަށާއި އަބަދުވެސް މަސައްކަތް ކުރަންވާނީ މުސްތަގުބަލަށް ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
2023 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ތެރޭގައި އުފެދިގެންދިޔަ ބައިބައިވުންތަކުގައި، އެމްޑީޕީ ދޫކޮށްގޮސް ޑިމޮކްރެޓްސް އުފައްދުމަށްފަހު، މިހާރު އެނބުރި އެމްޑީޕީއާއި ގުޅެން ޑިމޮކްރެޓްސްގެ މެމްބަރުން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެ ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔެ ދައްކާފައިވާ ހަގީގަތަކީ ކާމިޔާބު ހޯދޭނީ އެކުވެރިކަމާއެކު ގިނަބަޔަކު އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް އަމާޒު ހިފަންވާނީ މުސްތަޤްބަލަށް. ކާމިޔާބު ލިބޭނީ އެކުވެރިވެ އެކުގައި މަސައްކަތް ކޮށްގެން ކަމީ ދުނިޔަވީ ޙަޤީގަތް" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މާޒީގެ އަޅުންނަށް ވެގެންނުވާނެ ކަމަށާއި، އެމްޑީޕީއަކީ ރާއްޖޭގައި މުސްތަގުބަލެއް އޮތް ހަމައެކަނި ސިޔާސީ ޕާޓީ ކަމަށެވެ. އަދި އެދިވަޑައިގަތީ އެހެން ސިޔާސީ ޕާޓީތަކުން ވީހާވެސް ގިނަބަޔަކު އެމްޑީޕީއާއި ގުޅުމަށެވެ.
"ރާއްޖޭގެ އެހެން ސިޔާސީ ޕާޓީ ތަކުގެ މެންބަރުންނާއި، ޤައުމުގެ މިސްރާބު ހަމަ މަގަށް ގެންދިއުމަށް ކެތްމަދުވެފައި ތިއްބެވި އެންމެހައި ރައްޔިތުންވެސް އެމްޑީޕީ އާއި ގުޅިވަޑައިގަތުމަށް އަޅުގަނޑު ގޮވާލަން. ރާއްޖޭގައި މުސްތަޤްބަލެއް އޮތް ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީ" ޝާހިދު ވިދާޅުވިއެވެ.
ކުރީގެ ރައީސް ނަޝީދު ހިމެނޭހެން ޑިމޮކްރެޓްސްގެ ގިނަ މެމްބަރުން އަލުން އެނބުރި އެމްޑީޕީއާއި ގުޅެން ނިންމި ނިންމުމާއި ގުޅިގެން ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްވެސް ބޭއްވިއެވެ. އެ ބައްދަލުވުމުގައި ގިނަ މެމްބަރުންވެސް ވަނީ ޑިމޮކްރެޓްސްގެ ނިންމުމަށް މަރުހަބާ ކިޔާފައެވެ.