ވެއްޓޭ އިރަށް ތެދުވެ ދުއްވައިގަނެވޭނެ ސިޔާސީ ޓްރެކަކީ އެމްޑީޕީ: މޫސަ

ވެއްޓޭ އިރަށް ތެދުވެ ދުއްވައިގަނެވޭނެ ސިޔާސީ ޓްރެކަކީ އެމްޑީޕީ: މޫސަ

ވެއްޓޭ އިރަށް ތެދުވެ ދުއްވައިގަނެވޭނެ ހަމައެކަނި ސިޔާސީ ޓްރެކަކީ އެމްޑީޕީ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެކްސްގައި މޫސަ މިއަދު ކުރެއްވި ޕޯސްޓެެއްގައި ކުރީގެ ރައީސް މުޙަންމަދު ނަޝީދަށް ޓެގް ކުރައްވައި ވިދާޅުވީ، ވެއްޓޭ އިރަށް ތެދުވެ ދުއްވައި ގަނެވޭނެ ސިޔާސީ ޓްރެކަކީ އެމްޑީޕީކަން އަބަދުވެސް ހަނދާން ކޮށްދެއްވާ ކަމަށެވެ.

އެއަށްފަހު މޫސަ އެދިވަޑައިގަތީ "އާއިލީ ގުޖަޑުގަނޑަކަށް" އެމްޑީޕީ ދެންވެސް ނުވެއްދުމަށެވެ. އަދި އެމްޑީޕީ އުފެއްދި މަގްސޮދަކީ ރައްޔަތުންނަށް ޚިދުމަތް ކުރުމުގައި ދެމިތިބުން ކަމަށާއި، އެހެންކަމުން އެގޮތުގައި ދެމިތިބެ ކުރިއަށް ދިއުމަށް މޫސަ އެދިވަޑައިގަތެވެ.

ރައީސް މުޙަންމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެނބުރި އެމްޑީޕީއަށް އަންނަން ނިންމި ނިންމުމަށްވެސް މަރުހަބާ ވިދާޅުވެފައެވެ.

ނަޝީދާއި ޑިމޮކްރެޓްސް އެމްޑީޕީއަށް އެނބުރި އައުމަށް ނިންމި ނިންމުމަށް އެމްޑީޕީ އާއި އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންވެސް މަރުހަބާ ވިދާޅުވެފައިވާއިރު، މޫސަގެ މަރުހަބާގެ މެސެޖުގައި އެދިވަޑައިގަތީ އެކުގައި އުޅުމަށެވެ.

"މަރުހަބާ އެމްޑީޕީ މެމްބަރުން. މި އޮޑިއެއް ނުފެތޭނޭ މިއަޒުމެއް ނުގުޑާނޭ. އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް މަރުހަބާ! ދެންވެސް އެކުގާއުޅެވޭތޯ ބަލަމާ ހިނގާ" އެމްޑީޕީއަށް ޚާއްސަ ލަވައަކާއެކު މޫސަ ދޫކޮށްލެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެނބުރި އެމްޑީޕީއަށް އައުމަށް ނިންމި ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންވެސް ރޭ އޮތް ބައްދަލުވުމެއްގައި ވަނީ މަރުހަބާ ކިޔާފައެވެ. އަދި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހުވެސް ވަނީ މަރުހަބާ ދަންނަވައި ޕޯސްޓެއް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *