މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓް އާއްމު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ހ. މިޓާޒު ގޭގެ ފުރާޅުމަތީގައި ޔުމްނު އޮއްވާ ފެނިފައި ވަނީ އެޕްރީލު މަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު އެވެ. ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި ވަނީ ޖެހިގެން ހުރި ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ހާދިސާ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ރައީސް މުއިއްޒު އުފައްދަވާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެ ކޮމިޝަން އުފެއްދެވީ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގާ މެދު ސުވާލު އުފެދި އިތުބާރު ގެއްލުމާ ގުޅިގެންނެވެ. ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް ކޮމިޝަން އުފެއްދެވި ނަމަވެސް ފަހުން ވަނީ އެ އަދަދު ފަހަކަށް އިތުރު ކުރައްވާފަ އެވެ.
ރިޔާސީ ކޮމިޝަނުގެ ރައީސަކަށް އައްޔަން ކުރައްވާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ. މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި އާމިނަތު އީނާސްގެ އިތުރުން ޖަބީން މުހައްމަދެވެ.
ކޮމިޝަނާ ހަވާލު ކުރެވުނު މަސައްކަތް ނިންމައި ކޮމިޝަނުގެ ރިޕޯޓް ރައީސަށް ހުށަހަޅައިފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ މިއަދު ހާމަކޮށްފަ އެވެ. އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ އެ ރިޕޯޓު އާއްމު ކުރުމަށް އަންގަވާފަ އެވެ.
ޔުމްނު ވެއްޓުނު ވަގުތު އޭނާއާއެކު އުޅުނު ރައުދު އަހްމަދު ޒިލާލުގެ މައްޗަށް މި މަހުގެ 10 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ވަނީ ދައުވާކޮށްފަ އެވެ.