ސަރުކާރުގެ ޚަރަދުތައް ބޮޑުވެ، ސަރުކާރަށް ބުރަބޮޑުވެގެން އުޅެނީ، ސަރުކާރުން މުސާރަ ދޭންޖެހޭ މުވައްޒަފުން ގިނަވުމުގެ ސަބަބުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން މޫސަ ވަނީ އުއްތަމަ ފަނޑިޔާރު ރިޓަޔަރ ކުރައްވާއިރު، އެމަނިކުފާނަށް ދޭންޖެހޭ މުސާރަވެސް ބޮޑުކުރުމުގެ ވިސްނުމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ދައުލަތަށް ޚިދުމަތް ކުރައްވައި، ޕެންޝަނާއެކު ރިޓަޔަރ ކުރައްވާފައިވާ ބަޔެއް އެހެން ބޭފުޅުންވެސް ޕެންޝަން ލިބެނިކޮށް، އަނެއްކާ ސަރުކާރުގެ އެހެން މަގާމު ތަކަށް ވަޑައިގަންނަވާތީވެސް މޫސަ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
"ދައުލަތުގެ އެހެން މަގާމެއް އަދާކުރަންޏަކާ ކުރީގެ ޕެންޝަނެއް ނުލިބޭނެ. ޕެންޝަނަކީ ޝަރަފްވެރިކަމާއެކު ވަކިވެ، ނުވަތަ އެމީހާގެ ބަލި ޙާލަތު ހުރިގޮތުން ވަކިވުން، ނުވަތަ އެބުނާ އުމުރު ހަމަވެގެން، ދިރިއުޅުމަށްޓަކާ އެމީހަކަށް ދީފައި ހުރި ޕެންޝަނެއް" މޫސަ ވިދާޅުވިއެވެ.
ދައުލަތުން ޕެންޝަން ލިބެނިކޮށް، އަނެއްކާ ސަރުކާރުގެ އެހެން މަގާމަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް ތަކުރާރުކޮށް ފާޑުވިދާޅުވެ މޫސަ ވިދާޅުވީ "އޭގައި ހިފާ މީހާވެސް ކޮންމެވެސް ވަރަކަށް ބަލާލަން އެބަޖެހޭ" ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔަރ ކުރައްވާއިރު 70 ހާސް ރުފިޔާގެ މުސާރައެއް ދޭން އުޅޭތީ އެކަމަށް މޫސަ ވިދާޅުވީ ފަނޑިޔާރަކަށްވީތީ 70 ހާސް ނުވަތަ 80 ހާސް ރުފިޔާ ދޭންނުޖެހޭ ކަމަށެވެ. މޫސަ ވިދާޅުވީ ފަނޑިޔާރުގެއަކީ ސިޔާސީ ތަނެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް އުއްތަމަ ފަނޑިޔާރުވެސް އެވަރުގެ މުސާރައެއް ލިބޭގޮތަށް އެއްބަސްވެވަޑައިގަތުމަކީ ސިޔާސީ މީހަކަށް ވެގެން ދިޔުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އެހެންވީމާ އަދުލްއިންސާފު އޮންނާނީ ކޮންހިސާބެއްގައި، ރުފިޔާއަށްޓަކައި މަސައްކަތް ކުރަން ވެއްޖެނަމަ" މޫސަ ވިދާޅުވިއެވެ.