އިޒްރޭލުން އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ދޭންފެށި ކުއްލި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އިޒްރޭލަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި އިޒްރޭލުގެ 8 މީހަކު މަރުވެ، 100 އަށްވުރެގިނަ މީހުން ޒަޚަމް ވެއްޖެއެވެ.
އިޒްރޭލާ ހަވާލާދީ، ބައިނަލްއަގްވާމީ މީޑިޔާ ތަކުން ބުނެފައިވާ ގޮތުން އީރާނުގެ ހަމާލާތަކުން އިޒްރޭލުގައި މަރުވާ މީހުންގެ އަދަދު މައްޗަށް ދިއުމާއެކު އިޒްރޭލުގެ ސަރުކާރާއި އާންމުންގެ މެދުގައިވެސް މިހާރު ވަނީ ނުތަނަވަސްކަން ބޮޑުވެފައެވެ. މަރުވާ މީހުންނާއި ޒަޚަމްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އިޒްރޭލްގެ ބަޔެއް ސަރަހައްދު ތަކުގައިވާ އިމާރާތްތައްވެސް ދަނީ ހަމަލާ އަރައި ބިމާ ހަމަވެ އަނދަމުންނެވެ.
އެހެންވެ އިޒްރޭލްގެ އާންމުންވެސް މިހާރު ދަނީ ސަލާމަތްތެރި ސަރަހައްދު ތަކަށް ބަދަލުވަމުންނެވެ. ހަމަލާތައް އަރަމުންދަނީ ތެލްއަވީވްގެ އެކި ހިސާބު ތަކަށެވެ. ތެލްއަވީވްގައިވާ އިޒްރޭލްގެ މުހިންމު ބަޔެއް މަރުކަޒު ތަކަށް އިރާނުގެ މިސައިލްތައް ވަނީ އަމާޒުވެފައެވެ.
އީރާނުން ހަމަލާ ދެމުންދާއިރު، އިޒްރޭލުންވެސް ދަނީ އީރާނަށް ހަމަލާ ދެމުންނެވެ. އިޒްރޭލުން ބުނަމުން ދަނީ އީރާނުގެ ވެރިރަށް ތެހެރާންގެ އުޑުމަތިން އިޒްރޭލްގެ ބޮންއަޅާ ބޯޓުތައް ވަރަށް އަވަހަށް އުދުހޭ މަންޒަރު ފެންނާނެ ކަމަށެވެ. އީރާނުން ބުނަނީ އިޒްރޭލުން ކުރި އެންމެ މޮޔަކަމަކީ އީރާނަށް އިސްވެ ހަމަލާދިނުން ކަމަށާއި، އެކަމުގެ ހިތާމަ އަބަށް އިޒްރޭލުގައި ލައްވާލާނެ ކަމަށެވެ.