ރީކޯ މޫސަގެ ވިސްނުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް

ރީކޯ މޫސަގެ ވިސްނުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ވިސްނުން، އެ ޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލުމަށް ގެންގުޅުއްވާކަން އިތުބާރުހުރި ފަރާތްތަކަކުން ކަށަވަރު ވެއްޖެއެވެ.

މޫސައާ ގާތް ގުޅުން އޮންނަ އެމްޑީޕީގެ ބަޔެއް މެމްބަރުންގެ ފަރާތުން "މާލެ ޓައިމްސް" އަށް ލިބުނު މައުލޫމާތުން ކަށަވަރުވީ، އަންނަ އަހަރު އޮންނަ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިޚާބުގައި މޫސަ ވާދަކުރެއްވުމަށް ވިސްނަވަމުން ގެންދަވާ ކަމެވެ. އަދި މޫސަ އެގޮތަށް ވިސްނަވަން ފެއްޓެވީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން އެގޮތަށް މޫސަ ކައިރީގައި އެދިގެން ކަމަށްވެސް މި ނޫހަށް މައުލޫމާތު ހިއްސާކުރި ބަޔެއް މީހުން ބުނެފައިވެއެވެ.

"މާލެ ޓައިމްސް" އަށް މައުލޫމާތު ދިން، މޫސަގެ ވަރަށް ގާތް ބަޔެއް މީހުން ބުނިގޮތުގައި މޫސަ އަލުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް އައުމަކީ ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުންވެސް ބޭނުންވާ ގޮތެވެ. ސަބަބެއް ކަމަށް އޭގެތެރެއިން އެކަކު ބުނީ، މީގެކުރިންވެސް މޫސަގެ ދައުރުގައި ޕާޓީގެ ހިންގުން ހަރުދަނާކޮށް، ޕާޓީ ވަރުގަދަ ކުރަން މަސައްކަތް ކުރައްވާފައިވުމެވެ. އަދި ކުރިމަތީގައި އޮތީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކަމަށްވާތީ، އެމްޑީޕީ ވަރުގަދަ ކުރުމުގައި މޫސައަށް މުހިންމު ރޯލެއް އަދާކުރެއްވޭނެ ކަމަށް ގަބޫލު ކުރެވެއެވެ.

"އެމްޑީޕީ އެބަ މިހާރަށްވުރެ ވަރުގަދަ ވާންޖެހޭ. ޕާޓީ ބައިބައިނުވެ އެކަތިގަނޑަކަށް ހަދަންޖެހޭ، ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ އޭރުން. މިހާރު ފެންނަ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކުރީގެ ރައީސް އިބޫވެސް ކުރިމަތިލައްވާނެ، ޕާޓީގެ ރައީސް ޝާހިދުވެސް ކުރިމަތިލައްވާނެ. މިހާރު ޗެއާޕާސަން ފައްޔާޒުވެސް ކުރިމަތިލައްވާނެ. ދެން އަނެއްކާ މިފަހުން އަޑު އަރައިގެން މިދިޔައީ ކުރީގެ ރައީސް ނަޝީދުވެސް އެމްޑީޕީއަށް އައިސް ކުރިމަތިލައިފާނެ ކަހަލަ ވާހަކައެއް. އެހެންވީމާ ރިޔާސީ ޕްރައިމަރީގައި ވަރަށް ބޮޑު ފައިޓަކަށްދާއިރު، ޕާޓީގެ ހިންގުން ވަރުގަދަކޮށް، ޕާޓީގެ މެމްބަރުންގެ މެދުގައި އެއްބައިވަންތަކަން ވަރަށް ބޭނުންވާނެ. އެކަން މޫސައަށް ކުރެވޭނެ. މޫސަ އޮތީ އެކަން މީގެކުރިން އަމަލީ ގޮތުން ދައްކައިދީފަ" މި ނޫހާ ވާހަކަ ދެއްކި އެމްޑީޕީގައި ގިނަދުވަސްވީ މީހަކު ބުންޏެވެ.

އެހެން މީހަކު ބުނިގޮތުގައި އެމްޑީޕީއަށް އެންމެ ބޮޑު އަނިޔާއެއް ލިބި، އެންމެ ނިކަމެތިކަން ލިބުނު ދުވަހުވެސް މޫސަ ދެއްކީ އާދަޔާ ޚިލާފު ހިތްވަރެކެވެ. އޭނާ އެ ފާހަގަ ކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓިގެން ދިޔަ ހާދިސާއާއި އެއާއި ގުޅިގެން ހިނގައިދިޔަ ކަންކަމަށެވެ.

"އޭރު ޕާޓީ އަލުން ކޮޅަށް ޖެހިގެން ދިޔައީ މޫސަގެވެސް ވަރަށް ބޮޑު މަސައްކަތުން. މީގެކުރިން މޫސަގެ ޗެއާޕާސަން ކަމުގައި އެ ހުރިހާ ކަމެއް ވަނީ ފެނިފައި. މޫސަގެ ހިތުގައި އަބަދުވެސް އެމްޑީޕީއަށް އޮންނަނީ ވަރަށް ބޮޑު ލޯތްބެއް. އެމްޑީޕީއަށް ދެރަގޮތެއް ވާކަށް މޫސަ ބޭނުމެއްނޫން. އެހެންވެ މޫސަ އެމްޑީޕީގެ ޗެއާޕާސަން ކަމަށް އަލުން އައިސް ޕާޓީ ހިންގާލަން ޕާޓީގެ މެމްބަރުން ބޭނުންވާނެ" އޭނާ ބުންޏެވެ.

އެމްޑީޕީގެ ޗެއާޕާސަން އަލުން ހޮވާ އިންތިޚާބު އޮންނާނީ އަންނަ އަހަރުއެވެ. ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ދައުރު އަންނަ އަހަރު ހަމަވުމާއެކު، އާ ޗެއާޕާސަންއަކު ހޮވާނެއެވެ. މި ނޫހަށް ލިބުނު އިތުބާރުހުރި މައުލޫމާތުން ކަށަވަރުވި ގޮތުގައި އެ މަގާމަށް މޫސަ ކުރިމަތި ލައްވާނެއެވެ.

ނަމަވެސް "މާލެ ޓައިމްސް" އިން މޫސައާ ސުވާލު ކުރުމުން އެކަމާބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއްނުވިއެވެ.

މޫސައަކީ އެމްޑީޕީ އުފެދިގެން އައިއިރުވެސް އެކަމުގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަދި އެއަށްފަހު އެމްޑީޕީގެ ހަރަކާތްތަކުގައި އިސް ސަފުގައި މަސައްކަތް ކުރެއްވިއެވެ. ޕާޓީގެ ޗެއާޕާސަންކަންވެސް ކުރެއްވިއެވެ. މޫސައަކީ އެމްޑީޕީއަށް ވަރަށްގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *