މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން، އެ ކޮމިޝަނުގެ މެމްބަރުންނާމެދު ހިތްހަމަނުޖެހިގެން މަސައްކަތް ދޫކޮށް އިއްޔެ ގެއަށް ދިޔުމުން ސާފުވެގެން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިވަން މުއައްސަަސާ ތަކަށް ނުފޫޒު ފޯރުވާ މިންވަރު ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ސަސްޕެންޑް ކުރުމާއި ގުޅިގެން، ކޮމިޝަންގެ ހުރިހާ މުވައްޒަފުން އިހުތިޖާޖުކޮށް، މަސައްކަތް ހުއްޓާލާފައި ގެއަށް ދިޔުމަކީ މީގެކުރިން ދުވަހަކުވެސް މިހާތަނަށް ނުފެންނަ ކަމެއް ކަމަށެވެ. މިކަމުން ދައްކުވައި ދެނީ އިތުރަށް ފުންވަމުންދާ ހަަލަބޮލި ކަމެއް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، މި އަމަލުން ދުވަނީ ކޮމިޝަނުގެ މެމްބަރުންގެ ތެރެއަށް ވަދެފައިވާ ސިޔާސީ ނުފޫޒުގެ ވަސް ކަމަށެވެ. އަދި މިއީ ރާއްޖޭގެ މީޑިޔާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތް ތަކަށް ބިރުވެރި މެސެޖެއް ދިނުމުގެ ގޮތުން ރައީސް މުއިއްޒު ކުރެއްވި ކަމެއް ކަމަށެވެ. އަދި މި ސަރުކާރު އައި ފަހުން ނޫސްވެރިކަމުގެ މިނިވަންކަން ދަނީ އިތުރަށް ނެތެމުން ކަމަށްވެސް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މި ސަރުކާރަކީ ޖަވާބުދާރީ ވުމަށް ބިރުގަންނަ ސަރުކާރެއް ކަމަށްވުމުން މީޑިޔާގެ އަޑު މަޑު ކުރުވާނެ ކަމަށެވެ.