ރާއްޖޭގެ އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހުސްވި އަހަރުގެ ހިއްސާދާރުންނަށް، ހިއްސާއަކަށް 80 ރުފިޔާގެ މަގުން ބަހައިފިއެވެ.
މިކަން އޮތީ ބާސެލޯ ނަސެންދުރަ ހޮޓަލުގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައެެވެ. 2024 ވަނަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 15.4 ބިލިޔަން ރުފިޔާއެވެ. މީގެތެރެއިން ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައި ވަނީ 741 މިލިޔަން ރުފިޔާއެވެ.
ރޭގެ ޖަލްސާގައި ހިއްސާ ބަހާނެ އަދަދު ފާސްކުރީ، ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 ޕަސެންޓް މީހުންގެ ވޯޓުންނެވެ. މި ޖަލްސާގައި 229 މީހުން ބައިވެރިވިއެވެ. އެއީ 162 ހިއްސާދާރުންނާއި އަދި ހިއްސާދާރުންގެ ބަދަލުގައި ޕްރޮކްސީގެ ގޮތުގައި 67 މީހެކެވެ.
ޖަލްސާގައި ހިއްސާ ބަހާނެ އަދަދު ނިންމައި، ކޮންމެ ހިއްސާދާރަކަށް ޖެހޭ ފައިސާ ވަގުތުން ވަނީ ޖަމާވެސް ކޮށްދީފައެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުންޏަކުން މިގޮތަށް ވަގުތުން ހިއްސާ ޖަމާކުރި ފުރަތަމަ ފަހަރެވެ. ޖަލްސާ ކުރިއަށް ދަނިކޮށް ވަގުތުން ހިއްސާގެ ފައިދާ ހިއްސާދާރުންގެ އެކައުންޓްތަކަށް ޖަމާވުމުން، އެކަން ހިއްސާދާރުންވެސް ވަނީ އުފަލާއެކު ފާހަގަކޮށް އެސްޓީއޯގެ މެނޭޖްމަންޓަށް ޝުކުރު އަދާކޮށްފައެވެ.
ރޭ ބެހި ހިއްސާގައި އެސްޓީއޯއަށް 1 މިލިއަން ޙިއްސާ ލިބުނެވެ. އަދި އެހެނިހެން ހިއްސާދާރުންނަށް 90 މިލިއަން ރުފިޔާ ބަހާފައިވެއެވެ. އޭގެ ތެރެއިން އާންމު ހިއްސާދާރުންނަށް ބަހާފައިވަނީ 17 މިލިޔަން ރުފިޔާ އެވެ. ދެން ތިބި ހިއްސާދާރުންނަށް 73 މިލިޔަން ރުފިޔާ ވަނީ ބަހާފައެވެ.