ފަލަސްތީނުގެ ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިޒްރޭލުގެ ހުރިހާ މީހުން މިހާރުން މިހާރަށް ހަވާލު ކުރަން އެމެރިކާގެ ރައީސް ޓްރަމްޕް ގޮވާލައި، ވަރުގަދަ އިންޒާރެއް ހަމާސް ޖަމާއަތަށް ދީފިއެވެ.
ޓްރަމްޕް ވިދާޅުވީ ރަހީނުންގެ އެންމެން މިނިވަން ކުރަންޖެހޭނެ ކަމަށާއި، އެކަން ކުރާނީ ފަހުން ނޫން ކަމަށާއި ސީދާ މިހާރު ކަމަށެވެ. ރަހީނުން މިނިވަން ނުކޮށްފިނަމަ ޓްރަމްޕް ވިދާޅުވީ ހަމާސްގެ ކަންތައް ނިމޭނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ރަހީނު ކުރި މީހުންގެ ތެރެއިން ހަމާސްގެ އަތުން މަރުވެފައިވާ މީހުންގެ ހަށިތައްވެސް ހަވާލު ކުރަން ޖެހޭނެއެވެ. އަދި ވިދާޅުވީ މިއީ އޭނާގެ ފަހުގެ އިންޒާރު ކަމަށެވެ.
"ހުރިހާ ރަހީނުން ހަމަ މިހާރު މިނިވަންކުރޭ. ފަހަކުން ނޫން. ކަލޭމެން މެރި އެންމެންގެ ހަށިތައް ވެސް ވަގުތުން ހަވާލުކުރޭ. ނޫން ނަމަ ކަލޭމެންގެ ކަންތައް ނިމޭނެ،" ޓްރަމްޕު ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ ހަމާސްގެ ލީޑަރުންނަށް އޮތީ އެންމެ ގޮތެއް ކަމަށެވެ. އެއީ އަމިއްލަ ފުރާނަ ސަލާމަތް ކުރަން ބޭނުމިއްޔާ ޣައްޒާއިން ފައިބައިގެން އަމިއްލައަށް ދިޔުން ކަމަށް ވިދާޅުވިއެވެ.
އަދި ޣައްޒާގެ އާންމު ރައްޔިތުންގެ މުސްތަގްބަލް އޮތީ އުޖާލާކޮށް ކަމަށާއި، ނަމަވެސް ހަމާސްއިން ރަހީނުންނާއި މަރުވި މީހުންގެ ހަށިތައް ހަވާލު ނުކޮށްފިނަމަ ޣައްޒާގެ އާންމުންގެ ކުރިމަތީގައިވެސް އޮތީ ނުރައްކާ ކަމަށެވެ.