ފަނޑިޔާރު ސުއޫދު، އަޒްމިރަލްޑާ އަދި މަހާޒު ޖޭއެސްސީން ސަސްޕެންޑްކޮށްފި

ފަނޑިޔާރު ސުއޫދު، އަޒްމިރަލްޑާ އަދި މަހާޒު ޖޭއެސްސީން ސަސްޕެންޑްކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ޖޭއެސްސީން ސަސްޕެންޑްުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މިހާރު ކުރިއަށް ގެންދާ ބައްދަލުވުމުގައި އެ ގޮތަށް ނިންމީ އެ ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުންނެވެ. ޖޭއެސްސީގެ މެމްބަރަކު ވިދާޅުވީ، އެ ފިޔަވަޅު އެޅީ އޭސީސީން ބަލާ މައްސަލައިގެ ތަފުސީލު އެ ކޮމިޝަނާ ހިއްސާ ކޮށްފައިވާތީ ކަމަށެވެ.

ޖޭއެސްސީން މިއަދު ބުނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ ފަނޑިޔާރުންނާ ގުޅުން ހުރި މައްސަލަތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާތީ ކަމަށެވެ.

ނަމަވެސް އެ މައްސަލަތަކުގެ ތަފުސީލެއް ޖޭއެސްސީން ހިއްސާއެއް ނުކުރެއެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ މި ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ފާސްކޮށްފައެވެ. އެ ބިލްގައި އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރުމަށެވެ.

މީގެއިތުރުން ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ބާތިލް ކުރުމަށް އެދި ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، މި މައްސަލަ ބަލަމުންދާ ބެންޗުގައި ސަސްޕެންޑު ކުރި ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވައެވެ. އަދި އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައި މި މައްސަލަ ކުރިޔަށް ގެންދަން ކޯޓުން ވަނީ ނިންމައިފައެވެ.

މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވާ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓުގެ އަޑުއެހުމެއް މިއަދު 11:00 ގައި ބާއްވަން އެ ކޯޓުން ނިންމިއެވެ.

އަދި މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރުމަށް ފާސްކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *