މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސް ޑރ. މުޙަންމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަމުން ގެންދެވިއިރު، އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަމުންދާތީ، އެ މެމްބަރުންގެ ނަން އިއްވައި، ޖަލްސާ މެދުކަނޑާލުމަށްފަހު، އެ މެމްބަރުން މަޖިލިސް ތެރެއިން ނެރުމަށްފަހު އަލުން ޖަލްސާ ފަށައިފިއެވެ.
އަލުން ޖަލްސާ ފަަށައި މިހާރު ރައީސް މުއިއްޒު ގެންދަވަނީ ރިޔާސީ ބަޔާން އިއްވަމުންނެވެ.
ރައީސް މުއިއްޒަށް ރިޔާސީ ބަޔާން ނުއިއްވުނީ، އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް މެމްބަރުން، މަޖިލިސް ތެރޭގައި އިހުތިޖާޖު ކުރަމުންދިއުމާއި ގުޅިގެންނެވެ.
މިއަދުގެ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަމުން ގެންދެވިއިރު، އެމްޑީޕީގެ 12 މެމްބަރުންވެސް ދިޔައީ އިހުތިޖާޖު ކުރައްވަމުންނެވެ. އެގޮތުން ރައީސް މުއިއްޒުގެ ސަރުކާރަށް ފާޑުކިޔައި ޕޯސްޓަރުތައްވެސް މެމްބަރުން ދިޔައީ މައްޗަށް އުފުއްލަވަމުންނެވެ. އަދި ހުސްވި އަހަރުގެ ރިޔާސީ ބަޔާނުގައި ހުރި ކަންކަން ނުވާކަން މެމްބަރުން ދިޔައީ ފާހަގަ ކުރައްވަމުންނެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރުން، މަޖިލީހުގެ ތެރޭގައި އިހުތިޖާޖު ކުރައްވަމުން ގެންދަވާއިރު، މަޖިލިސް ހިމެނޭ ސަރަހައްދާ ކައިރީގައި އެމްޑީޕީގެ އާންމު މެމްބަރުންވެސް ގެންދަނީ އިހުތިޖާޖު ކުރަމުންނެވެ.