ރައީސުލްޖުމްހޫރިއްޔާ އާ މާ ގާތްވީމަ ވަޒީރު ކަމުގައި ދެމިތިބެވޭނެ ކަމަށް ދުށުމަކީ ކުށްހީއެއް ކަމަށް ވިދާޅުވެ، ޕީއެންސީގެ ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްލަތީފް މުހައްމަދު ބައެއް ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާއި ގުޅިގެން ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރަށާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޑރ. އަލީ ހައިދަރު އަހުމަދަށާއި އެގްރިގަލްޗަރު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި މަރިޔަމް މާރިޔާގެ އިތުރުން ހައުސިން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ މުއްތަލިބަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމަށް މަޖިލީހަށް ހުށަހެޅި މައްސަލައާ ބެހޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ލަތީފް ވިދާޅުވީ، ވަޒީރުންނަށް މަޖިލީހުން ރުހުން ދިނުމަކީ ސަގާފީ ގޮތުން، ނުވަތަ އާދަކާދައިގެ ގޮތުން ކުރާކަމެއް ނޫން ކަމަށެވެ.
"މިއީ ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވީތީ، ރުހުންދޭ އުސޫލުންވެސް ކުރާކަމެއް ނޫން، މިއީ ވަރަށް މާތް މަގުސަދެއްގައި ކުރާކަމެއް" ލަތީފު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ، ވަޒީރުންނަކީ، ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ދަމަހައްޓައި ނަގަހައްޓަން ތިބޭ ބައެެއް ކަމަށެވެ. ނަމަވެސް ބައެއް ވަޒީރުން އެގޮތަށް މަސައްކަތް ކުރަމުން ނުދާ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
"ރައްޔިތުންނަށް ބޭނުންވާ ވަރަަށްގިނަ ކަންކަމުގައި އަޅުގަނޑުމެން ވަޒީރުންނަށް އެބަ ފޯނު ކުރަންޖެހޭ، ރަށްރަށުގެ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތް ތަކުގައި، ސިއްހީ، ތައުލީމީ، އިޖުތިމާއީ، ކުޅިވަރު، މިހެންގޮސް ހުރިހާ ކަމެއްގައި، ނަމަވެސް ވަޒީރުން ފޯނު ނުނަންގަވާ މައްސަލައަކީ ބޮޑު މައްސަލައެއް، އަދި ކަންކަން ނުކޮށްދޭ މައްސަލައަކީވެސް ވަރަށްބޮޑު މައްސަލައެއް" ލަތީފު ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ، އެގޮތަށް މަސައްކަތްކުރާ ބައެއް ވަޒީރުން ތިބިއިރު އެބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާއަށްވެސް އިޚުލާސްތެރި ބައެއްކަން ކަށަވަރުނުވާ ބައެއް ކަމަށްވެސް ވިދާޅުވިއެވެ.
"ބައެއް ވަޒީރުންނަށް ހީވާކަހަލަ ރައީސުލްޖުމްހޫރިއްޔާ އާ މާ ގާތްވީމާ އެ ބޭފުޅުންނަށް މަގާމުުގައި ބައިވަރު ދުވަސް ވަންދެން ދެމި ތިބެވޭނެ ކަަމަށް، އެހެނެއް ނޫން އެކަން އޮތީ. ނިމިގެން ދިޔަ، 18 ވަނަ މަޖިލީހުގައިވެސް އަޅުގަނޑުމެން ހުންނާނީ އަޅުގަނޑުމެންގެ ސަރުކާރުގެ ވަޒީރުން ވަކިކޮށްފަ. އެކަން މިހާރުވެސް ވަޒީރުންނަށް ހަނދާން ކޮށްދެން، ސަރުކާރާ ރައްޔިތުންނަށް އިޚުލާސްތެރިކަމާއެކު މަސައްކަތް ކޮށްނުދޭނަމަ ވަޒީރުން މަގާމުގައި ދެމި ތިބެވޭނެ ކަމަށް ހީކޮށްގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ.
ލަތީފް މިހެން ވިދާޅުވީ، ޕީޕީއެމްގެ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވައި، ރައީސް ޔާމީންގެ ވެރިކަމުގައި، ސަރުކާރާ ދެކޮޅުވި މަޖިލީހުގެ 12 މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގެން ހިންގެވި ކަންތައްތަކަށް މިސާލު ޖައްސަވަަމުންނެވެ.
"އެެހެން ކަމުން ވަަރަށް އިޚުލާސްތެރިކޮށް ދަންނަވަން، ވަޒީރުން ރައްޔިތުންނަށް އިޚުލާސްތެރި ކަމާއެމު މަސައްކަތް ކޮށްދޭން ޖެހޭނެ، އެހެންނޫނީ އެ މަގާމުގައި ދެމި ނުތިބެވޭނެ، ގާނޫނު އަސާސާގައި އެކަން ހިމަނާފައިވަނީ ވަރަށް މާތް މަގުސަދެއްގަ،" ލަތީފު ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރުގެ ބައެއް ވަޒީރުންނަކީ ރައްޔިތުން ބޭނުންވާ މައުލޫމާތު ނުދެއްވައި އަދި ޖަވާވުދާރީވެ ވަޑައިނުގަންނަވާ، ފޯނުވެސް ނުނަންގަވާ ފިލައިގެން އޫޅޭ ބައެއް ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.
އެފަދަ ވަޒީރުންނަށް ދަންނަވަން އޮތީ، މިއަދު ރުހުންދިން ކަމުގައި ވިޔަސް އެއީ އަނބުރާ ގެނެވޭނެ އެއްޗެއް ކަމަށާއި، އެކަމަކީ ވަޒީރުން ވަކިކުރަން ބޭނުން ވެއްޖެނަމަ ވަކިކުރެވޭ ގޮތަށް އޮތް ކަމެއް ކަމަށެވެ.
"ރައީސް މުއިއްޒުގެ ސަރުކާރު ދަމަހައްޓަން، ނަގަހައްޓަން އިޚުލާސްތެރިކަމާއެކު މަސައްކަތް ކޮށްދޭން ތިބި ބައެއް މަޖިލިސް މެންބަރުންނަކީވެސް، ހަމަ ވަޒިރުންނަކީވެސް، އެެހެންވީމާ، ރައީސުލްޖުމްހޫރިްޔާއާ މާ ގާތްވީމަ ތިމަން މަނިކުފާނަށް ދެމި ހުރެވޭނެ ކަމަށް ހީކުރުމަކީ ކުށް ހީއެއް،" ލަތީފު ވިދާޅުވިއެވެ.