ފާއިތުވީ 24 ގަޑިއިރު ވެގެންދިޔައީ މުޅި ރާއްޖެއަށްވެސް ވިއްސާރަ ވަގުތު ތަކަކަށެވެ. ޚާއްސަ ގޮތެއްގައި ވެރިރަށް މާލެއަށް ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ވަނީ ވެހުނު ބޯވާރެޔާއެކު ގިނަ މަގުތައް ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.
ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް ވަނީ 136 މިލިލީޓަރުގެ ވާރޭ ވެހިފައި ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ. އެއީ ރޭ 8 ން މިއަދު ހެނދުނު 8 އަށް ރެކޯޑު ކުރެވިފައިވާ މިންވަރެވެ.
މިހާރު ރާއްޖެއަށް ކުރަމުންގެންދާ ވިއްސާރައިގައި، ރެއިން ފެށިގެން ހުއްޓުމެއް ނެތި މާލެއަށް ކުރި ވިއްސާރާގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެއެވެ. އެގޮތުން މާލޭގެ ބަޔެއް ގެތަކަށް ވަނީ ފެން ވަދެ ކޮންމެވެސް ވަރަކަށް ގެއްލުންވެސް ވެފައެވެ.
ރާއްޖެއަށް ފާއިތުވީ 24 ގަޑިއިރު ކުރި ވިއްސާރައިގައި މާލޭގެ އިތުރުން އެންމެ ގިނަ އަދަދަކަށް ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައި ވަނީ ހުޅުމާލެއަށެވެ. ހުޅުމާލެއަށް 117 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ. ނަމަވެސް ހުޅުމާލޭގެ މަގުތަކުގައި ފެން ބޮޑުނުވެ، ވަނީ ފެން ހިނދިފައެވެ.
ދެން އެންމެގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައި ވަނީ ބ. ދަރަވަންދޫއަށެވެ. އެ ރަށަށް ވަނީ 115 މިލިލީޓަރުގެ ވާރޭ ވެހިފައެވެ.
މޫސުމާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި މިއީ ރާއްޖެއާ ދިމާލަށް މިސްރާބު ޖެހި ކޮޅިގަނޑު ރާއްޖޭގެ ސަރަހައްދަށް ވަނުމުން ކުރަމުންދާ ވިއްސާރައިގެ އަސަރެވެ. އެ އިދާރާއިން ބުނެފައި ވަނީ ކުރިއަށް އޮތް ފަސްވަރަކަށް ދުވަހަަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށެވެ.