ޤަތަރަކީ ރާއްޖޭގައި ތަރައްގީގައި މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޤަތަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދް އަލްޘާނީ އާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލްޘާނީއަށް ތަހުނިޔާ ވިދާޅުވެ، ރައީސް ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުން ޤަތަރުން އަދާކުރާ ދައުރު ފާހަގަ ކުރައްވައި ވިދާޅުވީ، ފަރުދީ ފެންވަރެއްގައި ދޭދޭ ގުޅުން ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި އޮންނަ އަޚުވަންތަކަން އިތުރު ކުރުމަށް ދިވެހި ސަރުކާރުންވެސް އިސްކަން ދެއްވާ ކަމަށެވެ.
ރައީސްގެ މެސެޖުގައި، ޤަތަރުގެ ފަޚުރުވެރި ގައުމީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ޤައުމުގެ އިސް ބޭފުޅުންނާއި ރައްޔިތުންނަށް، ތަހުނިޔާ ވިދާޅުވާ ކަމަށެވެ.
ޤަތަރުގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހެވެ.
ރާއްޖެ އާއި ޤަތަރުގެ ޒަމާންވީ ޑިޕްލޮމެޓިކް ގުޅުން ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ކަނޑާލާފައެވެ. ނަމަވެސް ފަހުން ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ޤަތަރާއެކު އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމް ކޮށްފައެވެ.