"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ހުޅުމާލެ ދެވަނަ ފޭސްގައި އިމާރާތް ކުރަމުންދާ ފްލެޓްތައް ނިންމުމަށް އިތުރު 30 މިލިޔަން ޑޮލަރު ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުފައި ވާހަކަ ދައްކަވަމުން ނާޒިމް މިއަދު ވިދާޅުވީ، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން ގެންދާ ފްލެޓްތައް ނިންމޭނީ އިތުރު 30 މިލިޔަން ޑޮލަރު ބޭނުންވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ، އެ ފްލެޓްތައް ހަދަން ހަވާލުކޮށްފައިވަނީ، ހުރިހާ ކަމެއް ނިމޭގޮތަށް ނޫން ކަމަށާއި، އޭގެތެރޭގައި ކަރަންޓާއި ފެނުގެ ޚިދުމަތް ގުޅުމަށާއި، އެތަނުގެ ސެކިއުރިޓީއަށް ފައިސާ ބޭނުންވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އެކަންކަމަށް އަދި ފައިސާ ހަމަޖެހިފައިނުވާ ކަމަށެވެ. އޭގެއިތުރުން އެ ފްލެޓްތައް އިމާރާތް ކުރުމުގެ މަސައްކަތަށް އިންޑިޔާގެ އެގްޒިން ބޭކުން 85 ޕަސެންޓް ހަމަޖެއްްސި ނަމަވެސް، ސަރުކާރުން ހަމަޖައްސަންޖެހޭ 15 ޕަސެންޓް ހަމަޖެއްސިފައިނުވާ ކަމަށްވެސް ވިާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެހެން އެކަން އޮއްވައި ފްލެޓް ލިބުނު މީހުންގެ ލިސްޓެއް ސަރުކާރުން ނެރުނު ނަމަވެސް ފްލެޓް ލިބޭ މީހުންނަށް އެތަނަށް ވަދެވޭނެ ގޮތެއް ނޯންނާނެ ކަަމަށެވެ.
"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ފްލެޓް ތަކުގެ ތެރެއިން ފްލެޓް ލިބޭނެ 4000 މީހުންގެ ލިސްޓު އާއްމު ކުރުމަށް ސަރުކާރުން އެކި ތާރީޚުތައް ދިނުމަށްފަހު، މިހާރުވަނީ މުއްދަތެއް ނެތްގޮތަށް ލިސްޓް އިއުލާނު ކުރުން ފަސްކޮށްފައެވެ.
ފްލެޓް ލިސްޓް ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާކަން ހާމަކޮށްފައި ވަނީ މިމަހު 16 ވަނަ ދުވަހު ހައުސިންގ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައެވެ.
މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ "ގެދޮރު ވެރިޔާ" ސްކީމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެއްޓެވި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އެ މަނިކުފާނުގެ ވެރިކަމުގައި 15 ނޮވެމްބަރު 2023 ގައި ނެރުނު ނަމަވެސް، ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާއްމު ފަރާތް ތަކަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުނުއިރުވެސް އެ ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ފްލެޓް ހަވާލެއް ނުކުރެވުނެވެ.
އެއަށްފަހު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައިވެސް އެ މައްސަލަ ބަލަން ފެށިއެވެ. އަދި އެކަން ނިމި މިދިޔަ ހަފުތާގައި ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓެ ނެރެ އެއަށް ޝަކުވާ ހުށަހުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް މިހާރުގެ ހައުސިން މިިނިސްޓަރު ޑރ. އަލީ ހައިދަރު އޮތީ ވިދާޅުވެފައެވެ.
މިދިޔަ ހަފުތާ ނިމެމުން ދިޔައިރުވެސް ލިސްޓު ނުނެރޭތީ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވީ ނިއުސް ކޮންފަރެންސްގެ ތެރެއިން ފްލެޓް ލިސްޓާ ބެހޭގޮތުން މީޑިއާ އަކުން މިނިސްޓަރާ ސުވާލު ކުރުމުން، ވިދާޅުވީ ހަފުތާ ނިމުމުގެ ކުރީ ދުވަހު ލިސްޓް އިއުލާން ކުރައްވާނެ ކަމަށެވެ.
ނަމަވެސް ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން، އެ ކޮމިޝަނުން އެ މިނިސްޓަރީއަށް އަންގާފައިވާ ކަންކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވާލި ހައުސިންގ އެޑްވައިޒަރީ ކޮމިޓީ އާއި ހައުސިލް ކޮންސަލްޓޭޓިވް ކޮމިޓީގެ ލަފާގެމަތިން، އެ ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތަކެއް މުރާޖައާ ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
"ގެދޮރުވެރިޔާ" ސްކީމްގެ އުސޫލުގެ ދަށުން ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމް ބެލުމުގައި ކަށަވަރު ކުރަންޖެހޭ ގިނަ ކަންކަން ހުރުމާ ގުޅިގެން މި މަސައްކަތްތައް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާތީ، މި ސްކީމުގެ ވަގުތީ ލިސްޓާއި ރީ އިވެލުއޭޝަން އާ ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ތަފްސީލްތައް މި މަސައްކަތްތައް ނިމުނުހާ އަވަހަކަށް އާއްމު ކުރާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ." ނޫސް ބަޔާނުގައި މިނިސްޓްރީން ބުނެފައިވެއެވެ.
އެ މަސައްކަތަކަށް އިތުރު މުއްދަތު ދިޔަކަމަށް ވިޔަސް ސަރުކާރުގެ މަގުސަދަކީ ފްލެޓް ހޯދަން ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލިގެން ނުދާނެކަން ކަށަވަރު ކުރުމާއެކު، ފްލެޓްތައް ދޫކުރެވޭނީ ހައްގުވެރިންނަށްކަން ޔަގީން ކުރުން ކަމަށްވެސް ބުނެފައިވެއެވެ.