ބަޖެޓުގައި ރައްޔިތުންގެ ޚިދުމަތް ތަކުން 3 ބިލިޔަން އުނިކޮށް، ސަރުކާރުގެ ޚަރަދަށް 3.8 ބިިލިޔަން ވަނީ އިތުރު ކޮށްފައި: އަމީރު

ބަޖެޓުގައި ރައްޔިތުންގެ ޚިދުމަތް ތަކުން 3 ބިލިޔަން އުނިކޮށް، ސަރުކާރުގެ ޚަރަދަށް 3.8 ބިިލިޔަން ވަނީ އިތުރު ކޮށްފައި: އަމީރު

އަންނަ 2025 ވަަނ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ޚަރަދު ކުޑަކުރުުގެ ނަމުގައި ރައްޔިތުންގެ ޚިދުމަތް ތަކުން 3 ބިލިޔަން އުނިކޮށް، ސަރުކާރުގެ އިސްރާފަށް 3.8 ބިިލިޔަން ރުފިޔާ ހިމަނާފައިވާ ކަމަށް އެމްޑީޕީގެ ފަރާތުން، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބަޖެޓާ ބެހެގޮތުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ މިހާރު މިއޮތް އިގްތިސާދީ ހާލަތާ ނުބައްދަލު ބަޖެޓެއް ކަަމަށެވެ.

ބަޖެޓްގައި ޚަރަދު ކުޑަ ކުރުމަށް ހުށަހަޅާފައިވީ ނަމަވެސް، ޚަރަދު ކުޑަކުރަން ހުށަހަޅާފައިވާ މިންވަރަށްވުރެން ޚަރަދު ބޮޑުގެންދާ ގޮތަށް ކަންކަން ހިމަނާފައިވާ ކަމަށެވެ.

"މިސާލަކަށް ރައްޔިތުންނާ ގުޅުންހުރި ސަބްސިޑީތައް، އާސަންދަ އަދި އުމުރުން ދުވަސްމީ މީހުންގެ އަސާސީ ޕެންޝަން އަދި ކައުންސިލްތަކުގެ ގްރާންޓް ފަދަ ކަންކަމުން، ތިން ބިލިޔަން ރުފިޔާ އުނިކޮށްފައިވާކަން ހުށަހަޅާފައިން ބަޖެޓުން އެބަފާހަގަވޭ، އެކަމަކު އޭގެ އިތުރަށް އެބަ ފާހަގަވޭ، ސަރުކާރުގެ އިސްރާފުތަކަަށް އިތުރު 3.8 ބިލިޔަން ރުފިޔާ ބަޖެޓް ކޮށްފައި ވާތަން،" އަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ފައިސާ ބަޖެޓް ކޮށްފައި ވަނީ ދަތުރު ފަތުރާއި، ސަރުކާރުގެ މިނިސްޓްރީ ތަކަށް ކުރާ ޚަރަދާއި، އެހެނިހެން އިދާރާ ތަކަށްކުރާ ޚަރަދުތައް ބޮޑު ކުރުމަށް ކަމަށެވެ.

އަމީރު ވިދާޅުވީ އަންނަ 2025 އަށް ހުށަހަޅާފައިވާ ބަޖެޓަރީ، 2023 ވަނަ އަހަރު ހުށަހެޅި ބަޖެޓަށްވުރެން 6 ބިލިޔަން ރުފިޔާ އިތުރު ބަޖެޓެއް ކަމަށެވެ. މިއަހަރުވެސް މަޖިލީހުން ފާސްކުރި ބަޖެޓަށްވުރެން އިތުރަށް ސަރުކާރުން ޚަރަދު ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިއަހަރަށް ފާސްކުރި ބަޖެޓުންވެސް ޚަރަދުކުރި އަދަދު ސަޕްލިމެންޓްރީ ބަޖެޓާއެކު 55 ބިލިޔަނަށް އަރާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ރަށްރަށުގައި ކުރީ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތައް ހުއްޓިފައިވާ ކަމަށާއި، މި ސަރުކާރަށް އަހަރު ވީއިރު އާ ޕްރޮޖެކްޓެއްވެސް ފެށިފައި ނެތް ކަމަށެވެ.

"ނަމަވެސް އެއްކޮޅުން މި ފެންނަނީ ރައްޔިތުންނާ ގުޅުންހުރި އަސާސީ ޚިދުމަތް ތަކުގެ ތެރެއިން ޚަރަދުތައް ކުޑަކޮށްފަ، ސަރުކާރުގެ ޚަރަދުތަކަށް 3.8 ބިލިޔަން އިތުރުކޮށްފަ ވާތަން،"  އަމީރު ވިދާޅުވިއެވެ.

އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފައެވެ. އަންނަ އަހަރަށް ލަފާ ކުރާ ބެޖެޓް މަޖިލީހަށް ހުށަހަޅައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. 2025 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 56,647,600,859 ރުފިޔާއެވެ.

ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ ކަމަށާއި އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާ އާއި ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އާއި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާވެސް ބަޖެޓްގައި ހިމަނާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވަނީ 9.4 ބިލިއަން ރުފިޔާއިން ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 7.8 ޕަސެންޓެވެ. އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 3.8 ބިލިއަން ރުފިޔާ ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 3.2 ޕަސެންޓް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *