2025 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި، ކޮންމެހެން ފެންނަންޖެހޭ ތަފްސީލުތައް ފޮރުވާފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިހާރު ހުށަހަޅާފައި އޮތް ބަޖެޓާމެދު ސޯޝަލް މީޑިޔާގެ ރަސްމީ އެކައުންޓުގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރުން ދަނީ، އެމްޑީޕީ ސަރުކާރުން ގެނައި ހާމަކަން ބޮޑު ދެފުށް ފެންނަ ސިޔާސަތު ބަދަލުކޮށް، ސިއްރުވެރި ވަންހަނާ ސިޔާސަތަކަށް ބަދަލު ކުރަމުން ކަމަށެވެ.
"ބަޖެޓުގައި އަބަދުމެ ހުންނަ ތަފްސީލުތައް ސަރުކާރުން ވަނީ ފޮރުވާފައި. ބަޖެޓުގެ މުހިއްމު ތާވަލުތައް ވަނީ ގެއްލުވާލައިފައި. ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު 2 ބަޔަކީ މުވައްޒަފުންގެ މުސާރަ އާއި ތަރައްޤީގެ މަޝްރޫޢުތައް. މުވައްޒަފުންގެ މުސާރަ ބެހިގެންދާ ގޮތުގެ ތަފްސީލެއް ބަޖެޓުގައި ނެތް. ތަރައްޤީ މަޝްރޫޢު ތަކަށް ކަނޑައަޅާފައިވާ 12 ބިލިއަން ރުފިޔާ ޚަރަދު ކުރަނީ ކޮން ރަށެއްގެ ކޮން މަޝްރޫޢަކަށް ކަމެއް އެނގޭކަށް ނެތް" ޝާހިދު ވިދާޅުވިއެވެ.
ބަޖެޓުން އެފަދަ ތަފްސީލުތައް ފެންނަން ނެތުމުގެ ސަބަބުން ރައްޔިތުންނަށާއި ރައްޔިތުންގެ މަންދޫބުންނަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރަސް އެޅޭ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
"އަދި ވައްކަމާއި ފަސާދައަށް މި ބަޖެޓު ހުޅުވިގެންދޭ. މި ބަޖެޓަކީ ރައްޔިތުންގެ އުއްމީދު ތަކުގައި ކޮޅުފައިން ޖަހާ ރައްޔިތުންގެ ޖީބަށް އަތް ބާނާނެ ބަޖެޓެއް" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ހުށަހަޅާފައި އޮތް ބަޖެޓަކީ ރައްޔިތުންގެ އުއްމީދު ތަކުގައި ކޮޅުފައިން ޖަހާ، ރައްޔިތުންގެ ޖީބަށް އަތް ބާނާނެ ބަޖެޓެއް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދޭނެ ގޮތެއް ބަޖެޓުން ހޯދިފައި ނެތް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
"ރަައީސް މުޢިއްޒު އިންތިޚާބުގެ ތެރޭގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މާލީ ހާލަތުވެސް އެނގިވަޑައިގަންނަވާ ކަމަށާއި އަދި ވަޢުދުތައްވެސް ފުއްދަވާނެ ކަމަށް. ނަމަވެސް، ވެރިކަމަށް އަހަރެއްވާން ގާތްވެފައި އޮތްވާ ހުށަހެޅުއްވި ބަޖެޓުގައި ރަނގަޅު ޕްލޭނެއް، ރޭވުންތެރިކަމެއް ނެތް" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މި ބަޖެޓުން ރައްޔިތުންނާއި ވިޔަފާރި ތަކުން ނަގާ ޓެކްސްތައް ބޮޑުކުރުމުން އެ ފަރާތްތަކުގެ ފުއްދުންތެރިކަން ދަށްވެ، އިޤްތިސާދީ ނަފާއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
"ޓެކްސް އާމްދަނީއާ ނުބައްދަލު މިންވަރަކަށް ޚަރަދު ބޮޑު ކުރުމުން މާލީ ދެމެހެއްޓެނިވިކަން ގެއްލިގެންދޭ. މި ބަޖެޓުގައި ރައްޔިތުންނާ ގުޅުންހުރި ޚައްޞާސް ބައިތަކުން ޚަރަދު ކުޑަ ކުރާނެ ކަމަށް ބުނާއިރު، ސަރުކާރުން ކުރާ އިސްރާފާއި، ސިޔާސީ މަޤާމް ތަކުގެ މުސާރައާއި އިނާޔަތް ތަކަށް ހޭދަކުރާ މިންވަރު ކުޑަކުރާކަށް މަސައްކަތް ކުރާ ތަނެއް ބަޖެޓުން ނުފެނޭ. ދައުލަތުގެ ރިކަރަންޓް ޚަރަދު ދަނީ މައްޗަށް." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ހުށަހަޅާފައި އޮތް ބަޖެޓު ފޫބައްދަން 16.9 ބިލިއަން ރުފިޔާ ހޯދަންޖެހޭ ކަމަށެވެ. ނަމަވެސް އެ ފައިސާ ހޯދާނެ ގޮތުގެ ހަރުދަނާ ރޭވުންތެރިކަމެއް ބަޖެޓުން ފެނިގެންނުދާ ކަމަށް ވިދާޅުވިއެވެ.
"މީގެ ބޮޑުބައި ހޯދުމަށް ޖަހާފައި އޮތީ ބޭރުގެ ކޮމާޝަލް ބޭންކު ތަކުން. ޒަމާންވީ ޚާރިޖީ ގުޅުން ތަކަށް މި ސަރުކާރުގެ ޢަމަލު ތަކުން ނޭދެވޭ އަސަރު ކޮށްފައިވުމުން މި ފައިސާ ހޯދުމަށް މިހާރުވެސް ސަރުކާރުވަނީ ނުކުޅެދިފައި. މި ބަޖެޓަކުން އެކަމަކަށް ތަސައްލީއެއް ނުހޯދޭ. މި ބަޖެޓުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އަންނަ އަހަރު ދަށްވާނެ. ވިޔަފާރިތަކުގެ ފައިދާ ދަށްވާނެ. އިޤްތިސާދީ ދުވެލި ބުރަކި ޖެހޭނެ" ޝާހިދު ވިދާޅުވިއެވެ.