ސަރުކާރުން ބޭކާރު ގޮތުގައި ގިނަ ކުންފުނި ތަކެއް އުފައްދާފައިވާކަން ފާހަގަ ކުރައްވައި، އެ ކުންފުނިތައް މިއަދުން މިއަދަށް އުވާލަން، އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް މުހައްމަދު ގޮވާލައްވައިފިއެވެ.
ސަރުކާރުން ގްރީން ޓެކްސް 100 ޕަސެންޓަށް ބޮޑު ކުރުމަށް ޓޫރިޒަމްގެ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ސިޔާމް މިއަދު ވިދާޅުވީ، ދުނިޔޭގެ ކުރިއަރަމުން އަންނަ އިގްތިސާދުތަކާ އެއްވަރަށް ޓެކްސް ނެގުމަކީ މުހިއްމު ކަމެއް ނަމަވެސް ރާއްޖޭން މިހާރު ޓެކްސް ނަގަނީ މާ ބޮޑުކޮށް ކަމަށެވެ.
"ދުބާއީ ސިންގަޕޯރ މިތަންތަނަށްވުރެން މާބޮޑު، ދުބާއީގައި މިހާރުވެސް ޖީއެސްޓީގެ ގޮތުގައި ނަގަނީ ހަތް ޕަސެންޓާއި ނުވަ ޕަސެންޓާ ދޭތެރޭ، ސިންގަޕޫރުގައިވެސް އަށް ޕަސެންޓް، ނުވަޕަސެންޓް އެންމެ މަތިން،" ޝިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ، ސަރުކާރުން ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ޚަރަދުތައް ކުޑަކުރުން ކަމަށެވެ. މިދިޔަ ފަންސާހަކަށް ހަކަށް އަހަރު ތެރޭގައި ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ކޮންމެ ރައީސަކު، އެރައީސެއް ބޭނުންވާ ކުންފުނިތަކެއް އުފައްދަމުން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
ކުންފުންޏެއް ހިންގަނީ ފައިދާ ހޯދުމަށް ކަމަށާއި، ނަމަވެސް މިދިޔަ އަހަރު ހަމައެކަނި މިފްކޯއަށް ބަލައިލިޔަސް ފަސް ބިިލިޔަންރުފިޔާ އަށްވުރެން ގެއްލުންވެފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.
"ދެން މިދައްކަނީ އެއާރމޯލްޑިވްސް ކިޔާ އައިލެންޑް އޭވިއޭޝަނެއްގެ ވާހަކަ. އެ ކުންފުނި ހިންގުމަށްޓަކައި އެބައޮތް ފަސް ބިލިޔަން ރުފިޔާ އަށްވުރެން ބޮޑަށް ގެއްލުންދީފަ، ދެ ކުންފުންޏަށް އެކަނި ބަލާލީމަ އެއް ބިލިޔަން ޑޮލަރު ކަނޑަށް އަޅާލީ. ދެން އަޅުގަނޑުމެން އިތުރަށް ކިތަންމެ ޓެކްސް އެއް ނެގިޔަސް ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ، މިއަދުން މިއަދަށް، މިހާރުން މިހާރާށް މި ހިންގާ ޖަރީމާ ކުންފުނިތައް ވަގުތުން ހުއްޓައިލުން، މި ހުސް ޖަރީމާ ހިންގާ ކުންފުނިތައް. ވައްކަންކުރާ ކުންފުނިތައް. މި ކުންފުނިތައް ޖެހޭނީ މިއަދުން މިއަދަށްހުއްޓާލަން. އެހެންނޫނީ މި ގައުމު އިނދަޖެހިގެން ދާނީ އަންނަން އޮތް ޖީލުތަކަށް،" ޝިޔާމް ނުހުރުން ފާޅުކުރައްވައި ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން ސިޔާމް ވިދާޅުވީ، އަވަށްޓެރި ސްރީލަންކާ މިދިޔަ އަހަރު ބެންކްރަޕްޓް ވެގެން ދިޔައީ އެފަދަ ކުންފުނިތަކުގެ ސަބަބުން ކަމަށެވެ.
"އެތަނަށް އަންނަ ކޮންމެ ރައީސަކު ކޮންމެ ހަތަރު އަހަރަކުން ފަސް އަހަރަލުން އައިސްފަ 100 ކުންފުނިހަދާ. އެ ގައުމު ބެންކްރަޕްޓް ވީއިރު ގައުމުގައި 1000 ކުންފުނި އޮތް، އެ ކުންފުނިތައް ހިންގުމަށްޓަކައި އެއްތައް ބިލިޔަން ޑޮލަރެއް ކޮންމެ އަހަރަކު ކަނޑަށް އަޅަމުން، ވައްކަން ކުރަމުން ދިޔައީ މިގައުމުންވެސް މިފެންނަނި އެކައްޗެއް،" ޝިޔާމް ވިދާޅުވިއެވެ.
ސިޔާމު ވިދާޅުވީ ރާއްޖޭގެ އާމްދަނީ ދަށްވެގެން މިއުޅެނީ ޓެކްސް ނަގާ މިންވަރު މަދުވެގެން ނޫން ކަމަށެވެ.
"ލިބޭ އެއްޗެއް މަދުވެގެނެއް ނޫން މިއުޅެނީ. އަޅުގަނޑުމެންނަކީވެސް ލާރި ގެނެސްގެން މި ގައުމުގައި އިންވެސްޓް ކޮށްގެން އުޅޭ ބައެއް، ވިޔަފާރިވެރިން އެ ނަގަނީ 10 އަހަރު 12 އަހަރު ބޮޑު ފީސިބިލޓީއެއް ހަދައިގެން އެ ފީސިބިލިޓީގެ ދަށުން އެމީހުންނަށް ފައިދާ ލިބޭނެ ގޮތް ބަލައިގެން. އެހެން ނަމަވެސް މި ގައުމުގައި އަންނަ ސަރުކާރުން ޓަސް ޓަސްލާފަ ބޮޑެތި ޓެކްސްތައް ނަގާއިރުގައި ވާނެ ގޮތަކާމެދުގައި ވިސްނަން އެބަޖެހޭ،" ސިޔާމް ވިދާޅުވިއެވެ.