ޓޫރިސްޓު ބޭނުމަށް ރަށްތަކާއި ބިންތަކާ އަދި ފަޅުތައް ޓޫރިޒަމް މިނިސްޓްރީން ކުއްޔަށް ދިނުމުގެ ކުރިން ރައީސް އޮފީހުގެ ހުއްދަ ހޯދަން ނުޖެހޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން އިއްޔެގެ ޖަލްސާގައި ވަނީ އިއްވައިފައެވެ. އެ ބިލުގައިވާ ފުރަތަމަ އިސްލާހަކީ ގާނޫނުގެ ފަސްވަނަ މައްދާގެ (ރ) ގެ ދެވެނަ ނަމްބަރު އުނި ކުރުމަށެވެ.
އެ މާއްދާގައި ބުނަނީ، ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.
އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތާ ގުޅިގެން ގެނައި ބަދަލެކެވެ.
އެއިރު ގާނޫނަށް ގެނައި އަނެއް އިސްލާހަކީ، ޓޫރިޒަމް ބޭނުންތަކަށް ދޫކުރާނެ ރަށްތަކާއި ބިންތަކާއި ފަޅުތަކުގެ އަދަދުތަކާއި އެ ތަންތަނާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް ޓޫރިޒަމް މިނިސްޓްރީން އާންމު ކުރަން ޖެހޭ ގޮތަށް ހެދުމެވެ. އަދި އެ ލިސްޓު ހަދަން ޖެހެނީ ވެސް ރައީސް އޮފީހުގެ މަޝްވަރާގެ މަތިން ކަމަށް އެ އިސްލާހުގައި ބުނެ އެވެ. އޭގެ އިތުރުން އެ ލިސްޓަށް އުނި އިތުރެއް ވެސް ގެނެވެނީ ރައީސް އޮފީހުގެ ހުއްދައާ އެކު އެވެ.
މިފަހަރު ހުށަހެޅި އިސްލާހުގައިވާ ގޮތުން، އެ ލިސްޓު ހެދުމުގައި އަދި އުނިއިތުރު ގެނައުމަށް ޓަކައި މަޝްވަރާ ކުރަން ޖެހެނީ ރައީސް އޮފީހުގެ ބަދަލުގައި ސީދާ ރައީސްއާ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ބިލުގައި ޓޫރިސްޓުންގެ އަތުން ނަގާ ގްރީން ޓެކްސް އަންނަ އަހަރުން ފެށިގެން ދެ ގުނަ ކުރާ ގޮތަށް ހެދުމަށް ވަނީ ހުށަހަޅައިފައެވެ.