ޓީޖީއެސްޓީ އާއި ގްރީން ޓެކުހާއި ޑިޕާޗާ ޓެކްސް ބޮޑުކުރަން ހުށަހެޅި ބިލްތަކުގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވައިފިއެވެ.
އަންނަ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑު ކުރަން ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާގައި ވަނީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުުގެ ޤާނޫނަށެވެ.
ޓޫރިޒަމް ދާއިރާއިން ނަގާ ޖީއެސްޓީ ބޮޑުކުރަން ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއެވެ. އެ ބިލުގައިވާ ގޮތުން މިހާރު ނަގަމުން އަންނަ 16 ޕަސެންޓުގެ ޓީޖީއެސްޓީ ނަގާނީ އަންނަ އަހަރު މެއި މަހުގެ ނިޔަލަށެވެ. އަދި އަންނަ އަހަރު ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓުގައި ނަގަން ފަށަން ޖެހޭނެ ކަމަށްވެސް އިސްލާހުގައިވެއެވެ.
މި އިސްލާހާއެކު ދައުލަތަށް އިތުރަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. ގްރީން ޓެކްސް 50 ޕަސެންޓަށް ބޮޑުކުރަން އިސްލާހު ހުށަހަޅާފައި ވަނީ، ޓޫރިޒަމްގެ ޤާނޫނަށެވެ.
މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިން ހުށަހެޅުއްވި ބިލުގައި 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ޚިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސް ތަކުން 3 ޑޮލަރުގެ ބަދަލުގައި 6 ޑޮލަރު ނަގަން ވަނީ ހުށަހަޅައިފައެވެ. އަދި ރިސޯޓު ތަކުން ނަގާނީ ޓޫރިސްޓެއްގެ ބޮލަކަށް 6 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރެވެ.
ނަމަވެސް ޓޫރިސްޓުންގެ ތެރެއިން ދެ އަހަރުން ދަށުގެ ކުދިންގެ އަތުން ގްރީން ޓެކްސް ނުނެގުމަށް ވަނީ ހިމަނައިފައެވެ. މި އިސްލާހަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.
މީގެ އިތުރުން ޑީޕާޗާރ ޓެކްސްވެސް ބޮޑު ކުރަން އިސްލާހު ހުށަހަޅާގައި ވަނީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާބެހޭ ޤާނޫނަށެވެ.
ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް ހުށަހެޅުއްވި މި ބިލުގައި، ޑިސެމްބަރު އެކަކުން ފެށިގެން އިކޮނޮމިކް ކްލާސް އިން ފުރާ ބިދޭސީންގެ އަތުން 50 ޑޮލަރު ނެގުމަށް ވަނީ ނިންމައިފައެވެ. ބިޒްނަސް ކްލާސް އިން ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން 120 ޑޮލަރު، ފަސްޓް ކްލާސްއިން ދަތުރު ކުރާ ދިވެހިންނާއި ބިދޭސީން އަތުން 240 ޑޮލަރު އަދި ޕްރައިވެޓް ޖެޓްގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން 480 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅައިފައެވެ.