ޝަމީމަށް ދިން ހަމަލާ: ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެފި

ޝަމީމަށް ދިން ހަމަލާ: ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެފި

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ހިމެނޭ ހެކިން ރައްކާތެރި ކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ނެރެފިއެވެ.

މޫނު ފޮރުވައި، ހެލްމެޓް އަޅައިގެން ތިބި ބަޔަކު މަރުތޭލަކުން ޝަމީމަށް ހަމަލާ ދިނީ މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހަމަލާ ދީފައިވަނީ ޝަމީމުގެ ދަރިފުޅު ސްކޫލަށް ގެންދިއުމަށްފަހު އެނބުރި ގެއަށް ވަޑައިގަންވަނިކޮށް އޭނާ ދިރިއުޅުއްވާ ގޭގެ ދޮރުމަތިންނެވެ. މިހާދިސާއާއި ގުޅިގެން ލިބުނު އަނިޔާގައި އަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށި ތަކުގައި ރެނދުލައިގެން ޝަމީމް ފަރުވާ ހޯއްދެއްވިއެވެ.

އެމައްސަލައާއި ގުޅިގެން 7 މީހުންގެ މައްޗަށް ދައުވާ ކުރަން ކުރިމިނަލް ކޯޓުގައި ދައުލަތުން ދައުވާ ކުރިއެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ބާއްވައިފައެވެ. މި އަދުގެ އަޑު އެހުމުގައި އެ މައްސަަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވަނީ ދައުވާލިބޭ ފަރާތްތަކަށް ލިބިގެންވާ ހައްގުތައް ކިޔައި ދެއްވައިފައެވެ.

މިއަދުގެ އަޑުއެހުމުގައި ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދުނީވެސް ދައުލަތުންނެވެ. އެއީ މި މައްސަލައާއިގުޅޭ އިންޓެލިޖެންސް ރިޕޯޓަކާއި، ތަހުގީގު ކުރާ ފަރާތުގެ ބަޔާނާއި ބޭންކް ސްޓޭޓްމަންޓު ތަކެއް ހިމެނޭތީއެވެ.

ދިފާއަށް އެ ރިޕޯޓުތައް ބެލޭނެގޮތް ހަދަންވެސް ދައުލަތުން އެދުނީ، އޭގައި ހިމެނޭ، ތަހުގީގަށް އަސަރު ކުރާނެ ފަދަ، އަދި ތަހުގީގު ހިންގާ ގޮތުގެ ހައްސާސް މައުލޫމާތުތައް އުނިކުރުމަށްފަހުއެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން އެދިފައިވާ ގޮތުގެމަތިން، ގާޒީ ވަނީ  ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދެއްވައިފައެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މި މައްސަލައިގެ ދައުވާތައް ސާފުކޮށްދިނުމާއި ދައުވާ ތަކަށް ޖަވާބުދާރީ ވުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *