މަކަރާއި ހީލަތުގެ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާ، ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކުން އެޕާޓްމަންޓެއް ގަތް މީހަކަށް އަނބުރާ ފައިސާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމެއް ހަމަ އެ ކޯޓުން ބާތިލު ކޮށްފިއެވެ.
މި މައްސަލައަކީ ކޭޕާކް ރެސިޑެންޓްގެ 9 ވަނަ ފަނގި ފިލާގައި ހެދުމަށް ހަމަޖެހިފައިވާ އެޕާޓްމަންޓް ގަތުމަށް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު 12 އޯގަސްޓް 2021 ވަނަ އަހަރު ވެފައިވާ އެއްބަސްވުނާ ހަންބޯއިން ޚިލާފުވެ، އެޕާޓްމަންޓް ނިންމައި ހަވާލުކުރާނެ ކަމަށް ބަޔާން ކޮށްފައިވާ މުއްދަތު ފާއިތުވެ އެތައް ދުވަހެއް ހިނގައި ދިޔައިރުވެސް އެ އެޕާޓްމަންޓް ހަވާލުކޮށްފައި ނުވާތީ، އެކަމަށްޓަކައި ހެދި އެއްބަސްވުން ބާތިލްކޮށް އެ އެޕާޓްމަންޓް ގަތުމަށް ދައްކާފައިވާ 2.1 މިލިޔަން ރުފިޔާއާ 20،000 ޔޫއެސް ޑޮލަރު ހޯދުމަށާއި، މި މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހުމުން ޤާނޫނީ ފީގެ ގޮތުގައި ޤާނޫނީ މަސައްކަތަށް ޚަރަދު ކޮށްފައިވާ 75،000 ރުފިޔާ ހޯދުމަށް އައްޑޫ ސިޓީ ހިތަދޫ، ނަސީމީ މަންޒިލް، ރަފީއުއްދީން ނަސީމު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި 31 ސޮވެމްބަރު 2023 ގައި އެ ކޯޓުން ހުކުމް ކުރީ، 2.9 މިލިޔަން ރުފިޔާ އާއި 20،000 ޑޮލަރު ހަންބޯ ކޮމްޕެނީ ޕްރައިޓެޑުން ރަފީއުއްދީނަށް ދައްކަންޖެހޭ ކަމަށް ކަނޑައަޅައި އެ ފައިސާ 24 ޑިސެމްބަރު 2023 ގެ ނިޔަލަށް ރަފީއުއްދީނަށް ލިބި ދިނުމުގެ ގޮތުން ސިވިލް ކޯޓަށް ދެއްކުމަށެވެ. މި ހުކުމް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ހާޒިރުގައެވެ.
ނަމަވެސް މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ އެ ކުންފުނީގެ ޣައިރު ހާޒިރުގައި ކަމަށްބުނެ އެ ހުކުމް ބާތިލު ކުރަން އެދި ހަންބޯ ކުންފުނިން މިދިޔަ ޖޫން މަހުގެ 3 ވަނަ ދުވަހު ސިވިލްކޯޓަށް ހުށަހެޅިއެވެ. ހުކުމް ބާތިލް ކުރުމަށް އެދި އިތުރު ނުކުތާ ތަކެއްވެސް ހަންބޯއިން ކޯޓަށް ހުށަހެޅިއެވެ.
އޭގެތެރޭގައި ހިމެނޭ ފުރަތަމަ ނުކުތާ އަކީ އެ ކުންފުނީގެ ނަމުގައި، ފޯޖު ކޮށްގެން ހަދާފައިވާ ލިޔެކިއުން ތަކެއް ބޭނުންކޮށްގެން އެޕާޓްމަންޓު ވިއްކި މައްސަލަ، ފްރޯޑް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުން ގެންދިއުމެވެ. އޭގެއިތުރުން 5ް ނުކުތާއެއް ޝަރީއަތުގައި އެފަރާތުން ފާހަގަ ކޮށްފައި ވެއެވެ.
ފްލެޓް ގަތުމަށް ވެފައިވާ ކަމަށް ރަފީއުއްދީންގެ ފަރާތުން ބުނެފައިވާ އެއްބަސްވުމަކީ، ހަންބޯ ކުންފުނީގެ ނަމުގައި މަކަރާއި ހީލަތުން ފްލެޓު ވިއްކި މައްސަލައިގައި ތަހުގީގު ކުރަމުން އަންނަ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު ސޮއި ކޮށްފައިވާ އެއްބަސްވުމެއް ކަމަށާއި، އޭނާ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާފައިވާ ފައިސާ ބޭނުން ކޮށްފައިވަނީވެސް އޭނާ ކަމަށް ފުލުހުންގެ ތަހުގީގުން ހަމާވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން ރަފީއުއްދީން ނަސީމް އެކުންފުންޏާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ލިޔެކިއުންތަކާ އެހެން ފަރާތަކުން ހަވާލުވުމުގެ ސަބަބުން، އެ މައްސަލާގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ކުންފުނީގެ އިސްވެރިންނަށް ނުލިބުނު ކަމަށްވެސް އެކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ. އަދި ހަންބޯ ކުންފުންޏާ ދެކޮޅަށް ދައުވާކުރި ކަމުގެ މައުލޫމާތު ލިބުމާއެކު ޖަވާބުދާރީ ވުމުގެ ފުރުސަތަށް، އެ ކުންފުނީގެ ވަކީލުން އެދުނު ނަމަވެސް، ލިޔެކިއުންތަކާ އެހެން ފަރާތަކުން ހަވާލު ވެފައިވާކަން ފާހަގަކޮށް އެ ފުރުސަތު ނުދިން ކަމަށްވެސް ހަންބޯ ކުންފުނިން ޝަރީއަތުގައި ފާހަގަ ކޮށްފައި ވެއެވެ.
އެހެންކަމުން މި މައްސަލައިގައި ސިވިލް ކޯޓުގެ ފަނޑިޔާރު އާދަމް ޒާލިފް އިއްޔެ ކުރެއްވި ހުކުމްގައި ވަނީ، 2.9 މިލިޔަން ރުފިޔާ އާއި 20،000 ޑޮލަރު ހަންބޯ ކޮމްޕެނީ ޕްރައިޓެޑުން ރަފީއުއްދީނަށް ދައްކަންޖެހޭ ކަމަށް ކަނޑައަޅައި ހަންބޯ ކޮމްޕެނީގެ މައްްޗަށް، ޣައިރު ހާޒިރުގައި އެކޯޓުން ކުރި ހުކުމާއި ދައުވާ ފޯމު ބާތިލްކޮށް ގަޒިއްޔާ ނިންމާ ކަމަށެވެ.