ރާއްޖެއަކީ ދުނިޔޭގެ ކުރިމަތީގައި ބަސް ބުނަން ކެރޭ ގައުމެއްކަން ރައީސް ދައްކުވައިދީފި

ރާއްޖެއަކީ ދުނިޔޭގެ ކުރިމަތީގައި ބަސް ބުނަން ކެރޭ ގައުމެއްކަން ރައީސް ދައްކުވައިދީފި

ކުޑަ ގައުމަކަށް ވިޔަސް، ރާއްޖެއަކީ ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ގައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސާބިތު ކޮށްދެއްވައިފި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ މިއަދު ހެނދުނު އެނބުރި ރާއްޖެ ވަޑައިގެންފައެވެ.

އދ. ގައި ރައީސް ދެއްވި ތަގުރީރު ތަކަށް ތައުރީފު ކުރައްވައި ގާސިމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް އދ. ގެ އާންމު މަޖިލީހުގެ ސެޝަން ތަކުގައި މީގެ ކުރީގައިވެސް ރާއްޖޭގެ ބައެއް ވެރީން ބައިވެރިވެވަޑައިގެން ރާއްޖެ ތަމުސީލު ކުރައްވައި ރާއްޖެއަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާ ގުޅޭ ގޮތުން މުނާސަބު ގޮތެއްގައި އަޑު އުފުއްލަވާފައިވާ ކަމަށެވެ.

"‏ނަމަވެސް ޝައްކެއްނެތް ގޮތުގައި، މީގެ 59 އަހަރު ކުރިން ދިވެހިންގެ ފަހުރުވެރި މިނިވަން ދިދަ އދ. ގެ އިދާރާގައި ވިހުރެން ފެށި ފަހުން، މި ގައުމުގެ ވެރިޔަކު އދ. ގައި ދިވެހި ގައުމު ތަމުސީލު ކުރުމުގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ގައުމު ތަމުސީލު ކޮށްދެއްވީ، ނުހަނު ވިސްނުންތެރިކަމާއެކު ވަރަށް ފުރިހަމަ އަދި އެހާމެ މުނާސަބުކޮށް ކަމަށް އަޅުގަނޑު ދެކެމެވެ،" ގާސިމު ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ރާއްޖެއަކީ ފަހުރުވެރި، ކެރޭ، ހަރުދަނާ، ދުރުވިސްނޭ، އިލްމާއި ހުނަރު ލިބިފައިވާ، ތަރައްގީއަށް އުންމީދު ކުރާ ތަސައްވަރެއް އޮތް، އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ގައުމެއްކަން، ރައީސް ޑރ މުއިއްޒު ސާބިތު ކަމާއެކު ދައްކުވައިދެއްވާފައިވާ ކަމަށެވެ.

ގާސިމް ވަނީ ރައީސް އދ. އަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައީސަށް ފާޑު ވިދާޅުވާތީ އެކަމަށްވެސް ރައްދު ދެއްވާފައެވެ. ގާސިމު ވިދާޅުވީ މިހާރުގެ ސަރުކާރާ އިދިކޮޅު ބޭފުޅުން އަދި ހާއްސަކޮށް ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ލިބިވަޑައިގަތް ނަމަވެސް، އދ. ގައި ރާއްޖެ ތަމުސީލު ކުރައްވަން ކެރިވަޑައިނުގެންނެވި ބޭފުޅަކަށް ރައީސް މުއިއްޒުގެ ތަގުރީރު އޮޅުންފިލާވަޑައި ނުގަތަސް، ދުނިޔޭގެ ބޮޑެތި މީޑިޔާ ތަކުގެ ފަލަ ސުރުޚީ ތަކުން ޖާގަ ހޯދާފައިވާ ކަމަށެވެ.

"2040 ގައި ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭއިރު، އެ ދުވަސް އަންނަންވާއިރު ދިވެހިރާއްޖެއަކީ، ފުރިހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި އޮތުމަށް މާދަމާއަށްޓަކައި އެ މަނިކުފާނު ކުރައްވާ ތަސައްވަރުތައް މުޅި ދުނިޔޭގެ ކުރިމަތީގައި ހާމަކޮށްދެއްވައި މި ދިވެހިފަސްގަނޑާއި ރައްޔިތުންނާމެދު ތިޔަ ދައްކުވައި ދިން ފަހުރުވެރި ނަމޫނާއަށްޓަކައި، މަނިކުފާނަށް އަދިވެސް އެއްފަހަރު ހިތުގެ އިހުލާސްތެރި ތަހުނިޔާއާއި ޝުކުރު އަދާކުރަމެވެ،" ގާސިމު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *